ގއ. ކަނޑުހުޅުދޫގައި ކުރިއަށްދާ ލިބޭ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލަށް އެފްސީ އެސްޕާޑާ، ވަކަރުގޭ ސްޕޯޓްސް ކްލަބް އަދި ކަންމަތި ސްޕޯޓްސް ކްލަބުގެ އިތުރުން އާރުޑީ ސްޕޯޓްސް ކްލަބް ދަތުރުކޮށްފި އެވެ.

މުބާރާތުގެ ލީގު ބުރުގެ ފަހު މެޗްތައް މިރޭ ކުޅުނުއިރު ވަކަރުގޭ ވަނީ 3-1ގެ ނަތީޖާއަކުން ކަންމަތި ބަލިކޮށް ލީގު ބުރުގެ ދެވަނަ މަގާމް ހޯދައިފައެވެ.

ކަންމަތި ކޮޅަށް މިރޭ ވަކަރުގޭ އިން ޖެހި ގޯލްތައް ކާމިޔާބުކޮށްފައިވަނީ އަލީ އަޒްވާން، އިބްރާހިމް ހާމިދްގެ އަދި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޟުޖާއު ހުސެއިން އެވެ. މެޗްގައި ކަންމަތިން ޖެހި ހަމައެކަނި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ ހައިޒަމް އެވެ.


ވަކަރުގޭ
އިން ވަނީ މުބާރާތުގައި އެ ޓީމް ކުޅުނު 5 މެޗްގެ ތެރެއިން 4 މެޗް ކާމިޔާބުކޮށްފަ އެވެ. އެ ޓީމް ބަލިވެފައިވަނީ ހަމައެކަނި އެސްޕާޑާ އަތުންނެވެ. އެއްވަނަ ޓީމްގެ ގޮތުގައި ސެމީ އަށް ދަތުރުކުރި އެސްޕާޑާ ވަނީ އެ ޓީމް ކުޅުނު 5 މެޗް ވެސް ކާމިޔާބުކޮށްފަ އެވެ. ލީގު ބުރުގެ ތިންވަނަ ހޯދީ ކަންމަތި އެވެ. ކުޅުނު 5 މެޗްގެ ތެރެއިން 3 މެޗް ކަންމަތިން ކާމިޔާބުކުރި އިރު އަނެއް ދެ މެޗުން ވީ ބައްޔެވެ.

ސެމީގެ ފަހު ޖާގަ އާރުޑީ ސްޕޯޓްސް ކްލަބުން ކަށަވަރު ކުރީ މިރޭ ގެމަނަފުށި ސްޕޯޓްސް ކްލަބުގެ މައްޗަށް 2-0 އިން ހޯދި މޮޅާއެކު އެވެ. މި މެޗްގައި އާރުޑީ އިން ޖެހި ދެ ގޯލް ވެސް އެ ޓީމަށް ޖަހައިދިނީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އާދަމް ނާސިހް އެވެ.


ސެމީ
ފައިނަލް މެޗްތައް މާދަމާ ރޭ ކުޅޭއިރު 20:30 ގައި ފަށާ ފުރަތަމަ ސެމީގައި ބައްދަލުކުރާނީ އާރުޑީ އާއި އެސްޕާޑާއެވެ. ސެމީފައިނަލުގެ ދެވަނަ މެޗުގައި ވަކަރުގޭ އަދި ކަންމަތި ބައްދަލުކުރާނީ 21:30 ގައެވެ.

މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހުއެވެ.

ލިބޭ ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ. އަދި އެހެނިހެން މަގާމުތަކަށްވެސް އިނާމު ލިބިގެންދާނެ އެވެ.