ޔުވެންޓަސް އަށް ކުޅެމުން އަންނަ ސްވިޒަލޭންޑްގެ ތަޖުރިބާކާރު ފުލްބެކް ސްޓެފަން ލީޗެސްޓެއިނާ ގެންނަން އާސެނަލް އިން ޝައުގުވެރިވާ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެފިއެވެ.

ޔުވެންޓަސް އާއެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ މަހުގެ ތެރޭގައި ހަމަވުމުން ލީޗެސްޓެއިނާ ވަނީ އެ ކްލަބު ދޫކޮށްލަން ނިންމާފައެވެ.

މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ފްރީ ޓްރާންސްފާއެއްގެ ދަށުން އުމުރުން 34 އަހަރުގެ ލީޗެސްޓެއިނާ ގެނައުމަށް އާސެނަލް އިން މިހާރު ވަނީ އޭނާއާއެކު ވާހަކަތައް ފަށާފައެވެ. ލީޗެސްޓެއިނާ ގެނެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށް އާސެނަލް އިން ދެކޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މީގެއިތުރުން ސެންޓަބެކެއް ގެނައުމަށް ވެސް އާސެނަލް އިން މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

2011 ވަނަ އަހަރު ލާޒިޔޯ އިން ޔުވެންޓަސްއާ ގުޅުނު ލީޗެސްޓެއިނާ ވަނީ އެ ކްލަބަށް 250 މެޗު ކުޅެދީ 14 ގޯލު ކާމިޔާބުކޮށްދީފައެވެ. ލީޗެސްޓެއިނާ ވަނީ ޔުވެންޓަސް އާއެކު ޖެހިޖެހިގެން ހަތް ފަހަރު އިޓާލިއަން ލީގު ކާމިޔާބުކޮށް ހަތަރު ފަހަރެއްގެ މަތިން އިޓާލިއަން ކަޕް ކާމިޔާބުކޮށްފައެވެ.

އަންނަ މަހު ރަޝިޔާގައި ފަށާ ވޯލްޑް ކަޕްގައި ބައިވެރިވާ ސްވިޒަލޭންޑް ޓީމުގެ ކެޕްޓަންކަން ވެސް މިފަހަރު ކުރާނީ ލީޗެސްޓެއިނާއެވެ.

ލީޗެސްޓެއިނާ އާސެނަލް އަށް ބަދަލުވެއްޖެނަމަ އޭނާ ވެގެންދާނީ އެ ކްލަބުގެ އާ ކޯޗު އުނާއީ އެމެރީގެ ކޯޗުކަމުގެ ދަށުން ގެންނަ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.