ޕްރިމިއަރ ލީގުގެ ވުލްވްސްއަށް ކުޅެމުން އަންނަ މެކްސިކޯގެ ފޯވާޑް ރައުލް ހިމެނޭޒްގެ ބޮލުގެ ނާށިގަނޑުގައި ރެނދުލުމާއި ގުޅިގެން އޭނާގެ ކުއްލި އޮޕަރޭޝަނެއް ކޮށްފިއެވެ.

ހިމެނޭޒްގެ ނާށިގަނޑުގައި ރެނދުލީ އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ އާސެނަލް އަތުން 2-1 ން ވުލްވްސް މޮޅުވި މެޗުގަ އާސެނަލްގެ ބްރެޒިލްގެ ޑިފެންޑަރު ޑޭވިޑް ލުއިސް އާއި ހިމެނޭޒްގެ ކުރިމަތިލުމެއްގައެވެ. ދެ ކުޅުންތެރިންގެ ބޯޖެހި ހިމެނޭޒްއަށް އަނިޔާވެފައިވާއިރު ދަނޑުމަތިން ނުބާލާ ހިމެނޭޒްއަށް ދަނޑުމަތީގައި 10 ވަރަކަށް މިނެޓުވަންދެން ވަނީ ފަރުވާދީފައެވެ. އަދި އިތުރު ފަރުވާއަށް އޭނާވަނީ އެމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ހިމެނޭޒްގެ އަނިޔާއާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ވުލްވްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަނިޔާވެ ދަނޑުމަތީގައި ފަރުވާދޭން ފެށި ހިސާބުންވެސް ލިބުނީ ސީރިއަސް އަނިޔާއެއްކަން އިނގޭ ކަމަށާއި އެހެންނަމަވެސް ނާށިގަނޑުގައި ރެނދުލާފައިވާކަން އިނގުނީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށެވެ. އަދި އޮޕަރޭޝަނަށްފަހު ހިމެނޭޒްގެ ހާލަތާއި ބެހޭގޮތުން މައުލޫމާތުދެމުން މިބަޔާނުގައި ބުނެފައިވަނީ އޭނާ މިހާރު ހޭއަރާފައިވާ ކަމަށާއި މިހާރު އޭނާ މަޑުމަޑުން ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

އަނިޔާގެ ސަބަބުން ހިމެނޭޒް ކުޅުމާއި ދުރުގައި ހުންނަންޖެހޭނީ ސީދާ ކިހާ މުއްދަތެއް ވަންދެން ކަން ނޭނގޭއިރު ގިނަ ދުވަސްތަކެއް ވަންދެން އަނިޔާއިން ރިކަވަރ ވުމަށް އޭނާ އަރާމުކުރަން ޖެހޭނެ ކަމަށް ވުލްވްސްއިން ބުނެފައިވެއެވެ.

ހިމެނޭޒް އަންނަނީ އެ ޓީމުގެ ކުރީގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މި ސީޒަނުގެ ޕްރިމިއާ ލީގުގައި ވުލްވްސްއިން މިހާތަނަށް ކުޅުނު 10 މެޗުގައި ހިމެނޭޒް ވަނީ ހަތަރު ލަނޑު ޖަހާފައެވެ.