ޒިރަފޯން ބަލިކޮށް ރާއްޖޭގެ ނަން މަޝްހޫރު ފުޓްސަލް ކުޅުންތެރިންނާއި އެކު ނުކުތް އެންމެފަހުގެ ޗެމްޕިއަން އެފްސީ އުސްގަނޑަ އިން "ޑްރީމްސް ޕިއްޒާ ވަގުތު ފުޓްސަލް ޗެލެންޖް" ގެ ދެވަނަ ބުރު ކަށަވަރުކުރި ފުރަތަމަ ޓީމަށް ވެއްޖެއެވެ.

މުބާރާތުގެ ގްރޫޕް އޭގައި ހިމެނޭ އެފްސީ އުސްގަނޑަ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ ހަތަރު ޓީމު ހިމެނޭ ގްރޫޕުގައި ކުޅުނު ދެ މެޗު ކާމިޔާބުކޮށްގެންނެވެ. އެންމެ ފުރަތަމަ ކުޅުނު މެޗު އެ ޓީމު ކާމިޔާބުކުރީ ރޯދި އާއި ވާދަކޮށް 2-0 ގެ ނަތީޖާއަކުންނެވެ. އަދި މިއަދު ކުޅުނު ދެވަނަ މެޗު އެ ޓީމު ކާމިޔާބުކުރީ އެފްސީ ޒިރަފޯން އާއި ވާދަކޮށް 6-1 ގެ ނަތީޖާއަކުންނެވެ.

އުސްގަނޑަ ޓީމުގައި ފުޓްސަލްގެ ނަން މަޝްހޫރު ކުޅުންތެރިން ކަމުގައިވާ ހުސެއިން ޝަރީފް (އޮންލީ) އާއި އަހްމަދް އަޔާޒް (އަޔާ)ގެ އިތުރުން އިބްރާހިމް މުބީން (މުއްކި) ފެނިގެން ގޮސްފައިވެއެވެ. ފޯރިގަދަ މިމެޗުގެ ޝަރަފުވެރި މެހެމާނަކީ އައްޑޫ އިކުއޭޓަރ ވިލޭޖްގެ މެނޭޖަރު މުހައްމަދު ވަހީދެވެ. މި މެޗުން ބަލިވި އެފްސީ ޒިރަފޯންއަށް އަދިވެސް ދެވަނަ ބުރުގެ އުއްމީދު އެބައޮތެވެ. އެއީ މުބާރާތުގެ ފުރަތަމަ މެޗު އެ ޓީމު ކާމިޔާބުކޮށްފައި ވުމާއެކު އެވެ. ޒިރަފޯން ކުޅުނު ފުރަތަމަ މެޗު އެ ޓީމު ކާމިޔާބުކުރީ ވިނިން ފައިވް އާއި ވާދަކޮށް 6-1 ގެ ނަތީޖާއަކުންނެވެ.

އެފްސީ އުސްގަނޑަ އަދި ޒެފަރޮން ބައްދަލުކުރި މެޗުގެ ތެރެއިން- ވަގުތު އިމޭޖަސް- އިބްރާހިމް ޝާބިލް

މެޗު ފެށުނީއްސުރެ ވަރުގަދައަށް ކުޅެ ހަމަލާތައް އުފައްދަމުންދިޔަ އުސްގަނޑަ ޓީމުން އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ 5 ވަނަ މިނެޓުގައެވެ. ދަނޑުގެ އަރިމަތިން ޒިރަފޯންގެ ހާފްތެރޭގައި ހުރެ ދުރުދުރުން ފޮނުވާލި ބާރު ހަމަލާ ގޯލްގެ ތެރެއަށް ވައްދާލައިގެން މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު މުނާޒް އެވެ.

މި ލަނޑަށްފަހުވެސް ދެޓީމުގެ ފަރާތުންވެސް ހަމަލާތަކެއް އުފައްދަމުންދިޔައިރު އޮންލީ ވަނީ މިހާފުގެ 11 ވަނަ މިނެޓުގައި ލަނޑެއް ޖަހާ އުސްގަނޑަ ޓީމު ވަނީ ލީޑު ފުޅާކޮށްދީފައެވެ. އޭގެ މިނެޓެއް ފަހުން އުސްގަނޑަ ޓީމުގެ މުއާޒް ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ޒިރަފޯން އިން މެޗުގައި ޖެހި ފުރަތަމަ ލަނޑު ކާމިޔާބުކުރީ މިހާފުގެ 15 ވަނަ މިނެޓުގައެވެ. ހުސެއިން ފަސާހް ވަރަށް ރީތިކޮށް އުސްގަނޑަގެ ޑިފެންސްލައިން ބީޓުކޮށްލުމަށް ފަހުު ދިން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަނީލް އިބްރާހިމް އެވެ.

ދެވަނަ ހާފު ވަރުގަދަކޮށް ފެށި ޒިރަފޯންއެވެ. އެޓީމުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ދެވަނަ ހާފުގެ ފުރަތަމަ ފަސްމިނެޓު ތެރޭގައިވެސް އުފައްދާފައެވެ. މި ވަގުތުކޮޅުގައި ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ހާއްސަ ގޮތެއްގައި ފަސާހް އުފައްދަމުންދިޔަ ނުރައްކާތެރި ހަމަލާތައް ފާހަގަކޮށްލެވެއެވެ. އެހެންނަަމަވެސް ޒިރަފޯން އިން ހަމަލާތައް އުފައްދަމުން ދަނިކޮށް ކައުންޓަރ އެޓޭކަކުން ތަނަވަސްވި ފުރުސަތެއްގައި އަޔާ ވަނީ އުސްގަނޑަގެ 4 ވަނަ ލަނޑު ކާމިޔާބުކޮށް މެޗުގައި ހަމަޖެހިލާފައެވެ. އުސްގަނޑަގެ ފަސްވަނަ ލަނޑަކީ މުއާޒްގެ ހުނަރު ބޭނުންކޮށްގެން އޭނާ ކާމިޔާބުކޮށްދިން ހިތްގައިމު ރީތި ލަނޑެކެވެ.

މި ލަނޑަށްފަހު ވެސް އުސްގަނޑަ ދިޔައީ ފުލުފުލުގައި ގިނަ ހަަމަލާތަކެއް އުފައްދަމުންނެވެ. އެގޮތުން އޮންލީ، މުއްކި އަދި އަޔާގެ ފަރާތުން ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދިތަން ފެނިގެން ދިޔައެވެ. އެގޮތުން ތަނަވަސްވި ފުރުސަތެއްގައި ދެވަނަ ހާފުގެ 12 ވަނަ މިނެޓުގައި އަޔާވަނީ ޒިރަފޯންގެ ދެ ކުޅުންތެރިން ނައްޓާލުމަށްފަހު އުސްގަނޑަގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާއަށް އިނާމު ހަވާލުކުރަނީ-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މި މޮޅާއެކު އުސްގަނޑަ ވަނީ ކުޅުނު ދެ މެޗު ކާމިޔާބުކޮށް ލިބުނު ހަ ޕޮއިންޓާއެކު ދެވަނަ ބުރު ކަށަވަރުކޮށްފައެވެ. މިއީ މި މުބާރާތުގެ ދެވަނަ ބުރު ކަށަވަރުކުރި ފުރަތަމަ ޓީމެވެ. ދެވަނައިގައި އެއް މެޗު ކާމިޔާބުކޮށްގެން ޒިރަފޯން އޮތްއިރު ތިންވަނަ އަދި ހަތަރު ވަނައިގައި އޮތީ ފުރަތަމަ މެޗުތަކުން ބަލިވި އެފްސީ ރޯދި އާއި ވިނިންގް ފައިވްއެވެ.

މި މުބާރާތުގެ މިފަހަރުގެ ޓައިޓަލް ސްޕޮންސަރަކީީ " ޑްރީމްސް ޕިއްޒާ" އެވެ. މުބާރާތުގެ މޭޖާ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ އަލް މުދިޝް އާއި ވީބީ ބްރަދާސް އެވެ. މުބާރާތުގެ އޮފިޝަލް ބޯޅަ ސްޕޮންސަރ ކޮށްފައި ވަނީ ކިންގް ސްޕޯޓްސް އިންނެވެ. އޮފިޝަލް ޕްރިންޓިން ޕާޓްނަރަކީ ކޮންޓްރޯލް ޕީއެވެ.

މި އަހަރުގެ މުބާރާތުގައި ދޭ ފައިސާގެ އިނާމު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ އިތުރުކޮށްފައެވެ. ފައިސާގެ އިނާމަށް ގެނައި ބަދަލާ އެކު، މުބާރާތުގެ ތިން ވަނަ ހޯދާ ޓީމަށް 30،000ރ. އަދި ރަނަރަޕް ޓީމަށް 75،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަަޖެހިފައެވެ. އަދި މުބާރާތުގެ ޗެމްޕިއަން ޓީމަށް 150،000ރ. ގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވަގުތު ފުޓްސަލް ޗެލެންޖްގެ 2020ގެ މޮޅު ކުޅުންތެރިއާ އަށް އުމްރާ ދަތުރެއް ދޭން ވަނީ ނިންމާފައެވެ. އުމްރާ ދަތުރު ހުށަހަޅާފައިވަނީ ޓްރެވް ހައްޖު އެންޑް އުމްރާ އިންނެވެ.