ފަހަތުން އަރާ އެފްސީ ސްޕްރިންޓް 3-2 ގެ ނަތީޖާއަކުން ބަލިކޮށް "ޑްރީމްސް ޕިއްޒާ" ވަގުތު ފުޓްސަލް ޗެލެންޖުގެ ތިންވަނަ، ފުވައްމުލަކުގެ މާލެގަން ސްޕޯޓްސް ކުލަބް ހޯދައިފިއެވެ.

މުބާރާތުގެ ތިންވަނަ މަޤާމު ހޯދުމާއި އެކު މާލެގަން ސްޕޯޓްސް ކުލަބަށް 30،000 ރުފިޔާ ލިބިގެންދާނެއެވެ. މިއީ ފުވައްމުލަކު ޓީމެއް މި މުބާރާތުގައި މިހާތަނަށް އެންމެ ދުރަށް ދެވުނު ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މެޗު ދެ ޓީމުންވެސް ފެށީ ވާދަވެރިކޮށެވެ. ކުރިޔަށް ޖެހިގެން ދެ ޓީމުންވެސް ރަނގަޅު އެޓޭކިން ގޭމެއް ކުޅެވޭތޯ މަސައްކަތްކުރިއެވެ. މާލެގަން ޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން މި މެޗުގައި ކުޅުނީ

މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު އެންމެ ރަނގަޅު ހަމަލާއެއް އުފެއްދީ ސްޕްރިންޓެވެ. ސްޕްރިންޓްގެ އިތުބާރު ފޯވާޑް އިސްމާއީލް ވިފާގް އަށް މަތިން އޮއްސާލި ބޯޅަ ކޮންޓްރޯލްކުރި ނަމަވެސް މާލެގަން ކީޕަރު ވަނީ ކުރިޔަށްޖެހި އެ ބޯޅަ ހޯދާފައެވެ. އެއަށްފަހު ސްޕްރިންޓް ޓީމުގެ ހާޒިމް ރިއްފަތު އަށްވެސް ގޯލުޖަހާނެ ރަނުގެ ފުރުސަތެއް ލިބިގެންދިޔަ އެވެ.

ލަނޑުޖެހުމަށް ފަހު މާލެގަން ޓީމުން އުފާފާޅުކުރަނީ-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އެއަށްފަހު ދެން ފެނިގެންދިޔައީ މާލެގަން ޓީމުން ރަނގަޅު ހަމަލާއެއް އުފެއްދިތަނެވެ. ކެޕްޓަން އިބްރާހިމް އަރީޝް ދަނޑުގެ މެދުތެރެއިން ހޯދި ބޯޅަ ސްޕްރިންޓް ޓީމުގެ ދެ ކުުޅުންތެރިން ދޭތެރެއިން ނައްޓާލުމަށްފަހު އެވަގުތު އޭރިއާ ތެރެއަށް ހުސްވި އިބްރާހިމް މަމްދޫންއަށް ޖައްސާލި ބޯޅަ ތިރިތިރިން ގޯލާއި އަމާޒުކުރި ނަމަވެސް ސްޕްރިންޓް ޓީމުގެ ކީޕަރު އަހުމަދު ޔާޒިން ދިފާއުކުރިއެވެ. އޭގެފަހުންވެސް ސްޕްރިންޓް ކީޕަރުގެ އަހުމަދު ޔާޒިންގެ މޮޅު ސޭވްތަކެއް ފެނިގެންދިޔަ އެވެ .

އަނެއްކޮޅުން މާކެގަން ޓީމުގެ ކީޕަރުވެސް މި މެޗުގައި ރަނގަޅު ސޭވްތަަކެއް ކުރިއެވެ. ނަމަވެސް މާގިނައިރަކު މާލެގަން ޓީމަށް ސްޕްރިންޓް ޓީމުގެ ގޯލު މެޝިން އިސްމާއީލް ވިފާގު ހިފެހެއްޓޭގޮތެއް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 15 ވަނަ މިނެޓުގައި ލިބުނު ފުރުސަތަކުން އިސްމާއީލް ވިފާގް ސްޕްރިންޓް ޓީމުގެ ފުރަތަމަ ލަނޑު ޖެހިއެވެ. އަދި މި ގޯލު ޖެހިތާ މިނެޓެއް ފަހުން ވިފާގު ވަނީ ލީޑު ފުޅާކޮށްފައެވެ.

ލަނޑުޖެހުމަށް ފަހު މާލެގަން ޓީމުން އުފާފާޅުކުރަނީ-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މި ދެ ގޯލާއެކު މާލެގަން ޓީމުން ކުރިޔަށްވުރެ ވަރުގަދަކޮށް ފެނިގެންދިޔަ އެވެ. ކުރިޔަށްޖެހި އުފައްދަން މަސައްކަތްކުރި ބޯޅަތަކާއެކު މެޗުގެ ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށް މުހައްމަދު ތަޝްމީން ވަނީ މާލެގަން ޓީމަށް ލަނޑެއް ޖަހައި އެޓީމަށް އުއްމީދެއް ގެނެސްދީފައެވެ. ފުރަތަމަ ހާފު ނިމުނީ 2-1 އިން ސްޕްްރިންޓް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ވަރުގަދަކޮށް ފެށީ މާލެގަން ސްޕޯޓްސް ކުލަބެވެ. މި ހާފު ފަށައިގެން މިނެޓެއް ނުވަނީސް މާލެގަން ޓީމުން ނަތީޖާ ހަމަހަމަކުރި އެވެ. މި ލަނޑު މާލެގަން ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އިބްރާހިމް އަރީޝް އެވެ. މި ހާފައި ކުރިމަތިލިއިރު ސްޕްރިންޓް ޓީމު ފެނުނީ ފުރަތަމަ ހާފާއި ހިލާފަށް ކޯޑިނޭޝަން ދަށްކޮށެވެ. ސްޕްރިންޓް ޓީމުން ކުރާ ޕާސްތައް ގެއްލި މާލެގަން ޓީމުން ގިނަވަގުތު ބޯޅަ ގެންގުޅުމުގެ ނަތީޖާއަކަށްވީ ދެވަނަ ހާފުގެ 11 ވަނަ މިނެޓުގައި މުހައްމަދު ތަޝްމީން ވަނީ މާލެގަން ޓީމަށް ލީޑުނަގައިދީފައެވެ.

މުބާރާތުގެ ތިންވަނަ ހޯދި ޓީމު މާލެގަން-- ވަގުުތު އިމޭޖަސް: : އިބްރާހިމް ާޝާބިލް

މުބާރާތުގެ މިފަހަރުގެ ޓައިޓަލް ސްޕޮންސަރަކީީ " ޑްރީމްސް ޕިއްޒާ" އެވެ. މުބާރާތުގެ މޭޖާ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ އަލް މުދިޝް އާއި ވީބީ ބްރަދާސް އެވެ. މުބާރާތުގެ އޮފިޝަލް ބޯޅަ ސްޕޮންސާކޮށްފައި ވަނީ ކިންގް ސްޕޯޓްސް އިންނެވެ. އޮފިޝަލް ޕްރިންޓިން ޕާޓްނަރަކީ ކޮންޓްރޯލް ޕީއެވެ. ސްޕޯޓްސް ޕާޓްނާއަކީ މަޅި މޯލްޑިވްސް އެވެ.

މި އަހަރުގެ މުބާރާތުގައި ދޭ ފައިސާގެ އިނާމު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ އިތުރުކޮށްފައެވެ. ފައިސާގެ އިނާމަށް ގެނައި ބަދަލާއެކު، މުބާރާތުގެ ތިންވަނަ ހޯދާ ޓީމަށް 30،000ރ. އަދި ރަނަރަޕް ޓީމަށް 75،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަަޖެހިފައެވެ. އަދި މުބާރާތުގެ ޗެމްޕިއަން ޓީމަށް 150،000ރ. ގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވަގުތު ފުޓްސަލް ޗެލެންޖްގެ 2020ގެ މޮޅު ކުޅުންތެރިއާ އަށް އުމްރާ ދަތުރެއް ދޭން ވަނީ ނިންމާފައެވެ. އުމްރާ ދަތުރު ހުށަހަޅާފައިވަނީ މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުންނެވެ.

މި މެޗަށްފަހު ކުރިޔަށް ދެން އޮތީ މުބާރާތުގެ ފައިނަލް މެޗެވެ. މި މެޗުގައި ބައްދަލުކުރާނީ މައިލޯ ސިޓީ އެފްސީ އަދި އެފްސީ އުސްގަނޑަ އެވެ. މެޗު ޝަރަފްވެރިކޮށްދެއްވާނީ 2008 ގެ ރާއްޖޭގެ ގޯލްޑް ކެޕްޓަން އައްސަދު އަބްދުލް ޢަނީއެވެ.