ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ރާއްޖޭގައި ނުބޭއްވުނު ނަމަވެސް ބައިނަލްއަޤްވާމީ ގޮތުން ބާއްވާ ވަކިވަކި ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވިދާނެ ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހްލޫފް މިހެން ވިދާޅުވެފައިވަނީ މިއަދު ހަވީރު ބޭއްވި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މަހްލޫފް ވިދާޅުވީ އަންނަ އަހަރު ރާއްޖޭގައި ބައިނަލްއަޤްވާމީ މުބާރާތް ބޭއްވުމަށް ތިން ކުޅިވަރަކުން ހުށައެޅި ބިޑު ކާމިޔާބުކުރިކަން އިއުލާނުކޮށްފައެވެ.

ރާއްޖޭގައި ބޭއްވުމަށް ބިޑު ކާމިޔާބުކުރި ކުޅިވަރު މުބާރާތްތައް

  • އޭވީސީ ސެންޓްރަލް ޒޯން އަންހެން ވޮލީ މުބާރާތް
  • ބޮޑީބިލްޑިން އޭޝިއަން ޗެމްޕިއަންޝިޕް
  • އޭޝިއަން ސާފިން ޗެމްޕިއަންޝިޕް

މީގެއިތުރުން ރާއްޖޭގައި އިތުރު ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތައް ބޭއްވުމަށް ބިޑުކުރުމަށް ނިންމާފައިވާ ކަމަށްވެސް މަހްލޫފް ވަނީ މި ބައްދަލުވުމުގައި ވިދާޅުވެފައެވެ.

އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ބިޑުކުރަން ނިންމާފައިވާ އިތުރު ކުޅިވަރުތައް

  • ކޮމަންވެލްތް ޖޫނިއަރ ޓީޓީ ޗެމްޕިއަންޝިޕް / ނުވަތަ ސައުތު އޭޝިއަން ޖޫނިއާ ޓީޓީ ޗެމްޕިއަންޝިޕް
  • ބެޑްމިންޓަން އިންޓަނޭޝަނަލް މުބާރާތް

އައިއޯއައިޖީ 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ގެއްލުނު ނަމަވެސް ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

އައިއޯއައިޖީގެ ދިދަ މިނިސްޓަރ މަހްލޫފް އާއި ހަވާލްކުރަނީ-- ފޮޓޯ: އެމްއޯސީ

"އިންޑޯ ޓީޓީގެ ހޯލުގެ މަސައްކަތާއި ނެޓްބޯޅައަށް ހާއްސަކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަދާ އިންޑޯ ހޯލާއި ބާސްކެޓަށް ހާއްސަކޮށް ހަދާ އިންޑޯ ހޯލްގެ މަސައްކަތް ފެށިގެންދާނެ، އިންޓަނޭޝަނަލް މުބާރާތްތަކުގައި ވާދަކުރުމުގެ ޖާގަ ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނަން" މަހްލޫފް ވިދާޅުވިއެވެ.

ރާއްޖޭގައި 2023 ވަނަ އަހަރު އައިއޯއައިޖީ ނުބޭއްވޭނެކަމާއި 2025 ގައި މުބާރާތް ބޭއްވުމަށް ހުށައެޅިނަމަވެސް މަޑަގަސްކަރަ އިން ވަނީ މި ގޭމްސް 2023 ވަނަ އަހަރު ބޭއްވުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެއާއެކު ގޭމްސްގެ ކޮމިޓީން ވަނީ މި ފުރުސަތު މަޑަގަސްކަރަ އަށް ދީފައެވެ.