މާލޭ ކުޅިވަރު އެކުވެނީ އައުޓްޑޯ ދުވާ ޓްރެކު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ފެށި މަޝްރޫއުގެ ތެރެއިން އެ ޓްރެކުގައި ސިންތެޓިކް އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ކުރު މުއްދަތެއްގެ ތެރޭގައި މި ޓްރެކު ސިންތެޓިކް ކުރިއިރު، މިއީ އެތަކެއް އަހަރެއް ވަންދެން ދުވުންތެރިންނާއި ކަސްރަތުގައި އުޅޭ ފަރާތްތައް އުފުލަންޖެހުނު ތަކުލީފުތަކަށް ލިބުނު ބޮޑު ލުޔެކެވެ. މި މަސައްކަތް ނިންމާލާފައިވަނީ އާ އަހަރާއި ދިމާކޮށް ކަން ފާހަގަކޮށްލެވެއެވެ.

ކުޅިވަރާބެހޭ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި މި މަހުގެ ތެރޭގައި މި ޓްރެކް އާންމުންނަށް ރަސްމީކޮށް ހުޅުވާލެވޭނެ އެވެ. އެހެންކަމުން މިއީ މާލޭގައި ކަސްރަތު ކުރާ ފަރާތްތަކާއި ދުވާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ފަސޭހައެކެވެ. މީގެކުރިން ވެލި ޓްރެކުގައި ގިނަ ބަޔަކަށް އަނިޔާލިބި، ވާރޭ ވެހޭ ދުވަހެއް ނަމަ އެތަނުގައި ދުވުމަކީ އުނދަގޫބޮޑު ކަމެކެވެ.

އެކުވެނި ދުވާ ޓްރެކުގައި ސިންތެޓިކް އެޅުމުގެ މަސައްކަތް ނިންމާލާފައި

މާލޭ ކުޅިވަރު އެކުވެނީގެ ޓްރެކް 24 އަހަރަށްފަހު ޒަމާނީ ފެންވަރަށް ތަރައްގީކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ގައެވެ. އެއަށްފަހު އާރްކޭއެލް ކުންފުނީގެ ސީއެސްއާރް މަޝްރޫއުގެ ދަށުން ޓްރެކުގައި ކޮންކްރީޓް އެޅުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

ސިންތެޓިކް އެޅުމުގެ މަސައްކަތް ޕޮލިސް ވެލްފެއާ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (ޕޮލްކޯ) އިން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މި މަސައްކަތް ފައްޓަވައިދެއްވީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ޝްރިންގްލާ އާއި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފެވެ.

މިއީ އިންޑިއާ ސަރުކާރުގެ އެހީގައި މާލޭގައި އެޅި ސިންތެޓިކް ޓްރެކެވެ. މި ލުއިފަސޭހައާއި އެކު މާލޭގައި ދުވުންތެރިންނަށް އަމާޒުކޮށް ގިނަ މުބާރާތްތައް ބޭއްވޭނެއެވެ. އަދި މީގެކުރިން ދިމާވި ހިތްދަތި އުނދަގޫތަކާއި ކުރިމަތިނުވާނެއެވެ. މީގެކުރިން އެކުވެނި ޓްރެކުގައި ދުވާ މުބާރާތެއް ބާއްވާނަމަ ގިނަ ތަކުލީފުތަކެއް އުފުލައެވެ. ސްކޫލް އުމުރުފުރާގެ މުބާރާތްތައް ވިއްސާރައާއި ގުޅިގެން މެދުކަނޑާލާއިރު ޓްރެކުގައި ހެދިފައި ހުންނަ ވަޅުގަނޑުތަކުގައި އަޅައިގަނެ، އެތަކެއް ކުދިންނަށް ބޮޑެތި އަނިޔާތަކެއް މީގެކުރިން ވެފައި އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަނމްބޯ

    އިންޑޯ ބާސްކެޓް ކޯޓެއް އަޅާދޭން ވެރިޔަކު މިގައުމުގަ ހަމަ ނެތީތޯ ، އެކަމާ ވާ ހަކަ ދައްކާލާނެ ވެރިޔަކު ވެސް ނެތީތޯ

    6
    2
  2. ވަރަށް ސަޅި

    މުޅި ސްޓޭޑިއަމް ސަރަހައްދު ވަރަށް ރީތިކޮއް ޕްލޭންކޮއްފަ ތަރައްގީ ކުރަންވީ، އެއްވެސް ޑިފެކްޓެއް ނެތް ގޮތައް

    5
    1
  3. ކޮން އިރަކުން

    ތިތާ ދުވެލާ ވަރު ވާނީ

    3
    2