ކޮވިޑް-19 އަށް ފައްސިވެފައިވާ މީހަކާއި ދިމާވުމުގެ ސަބަބުން ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑުގެ ކޯޗް ޒައިނެއްދީން ޒިދާން އެކަހެރިވާން ޖެހިއްޖެއެވެ.

ކޮވިޑަށް ފައްސިވެފައިވާ މީހަކާއި ދިމާވުމުގެ ސަބަބުން ރެއާލް އިން ބުރާސްފަތި ދުވަހު ކުރި ފަރިތަކުރުން ތަކުގައިވެސް ޒިދާން ބައިވެރިވެފައެއް ނުވެއެވެ. އެހެންނަމަވެސް ކޮވިޑަށް ކުރި ޕީސީއާރް ޓެސްޓުގެ އިތުރުން އެންޓިޖެން ޓެސްޓުންވެސް ޒިދާންގެ ސުންކު ވަނީ ނައްސިވެފައެވެ.

އެހެންނަމަވެސް ސްޕެއިންގެ ސަރުކާރުން އަދި ލަލީގާއިން ނެރެފައިވާ ގައިޑްލައިން އަށް ތަބާވުމުގެ ގޮތުން ހެދުނު ދެ ޓެސްޓުން ސުންކު ނައްސިވި ނަމަވެސް ޒިދާން 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަން ޖެހޭނެއެވެ. އޭނާ އެކަހެރި ކުރުމަށް ހާއްސަ ފެސިލިޓީއަކަށް ގެންގޮސްފައި ނުވާކަމަށާއި އޭނާ އައިސޮލޭޓް ވެގެންހުރީ ސްޕެއިންގައި ހުންނަ އޭނާގެ އަމިއްލަ ގޭގައި ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

މިއާއެކު ޒިދާންއަށް ރެއާލް އިން ލަލީގާގައި އޮސަސޫނާ އާއި ދެކޮޅަށް ހޮނިހިރު ދުވަހު ކުޅޭ މެޗުގެ އިތުރުން އަންނަ ބުރާސްފަތި ދުވަހު ސުޕާ ކޮޕާ ޑީ އެސްޕަނާގެ ސެމީ ފައިނަލުގައި އެތްލެޓިކް ކުލަބާއި ދެކޮޅަށް ކުޅޭ މެޗުގައިވެސް ބައިވެރިއެއް ނުވެވޭނެއެވެ. އެހެންނަމަވެސް އައިސޮލޭޝަންގެ މުއްދަތު ފުރިހަމަކޮށް ނައްސި ސުންކަކާއި އެކު ރެއާލްއިން މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފިނަމަ ފައިނަލް މެޗުގައި ޓީމަށް އިރުޝާދު ދިނުމަށް ބައިވެރި ވެވޭނެއެވެ.

ރެއާލްއިން އެންމެ ފަހުން ކުޅުނު މެޗުން އެޓީމު ވަނީ ސެލްޓާ ވިގޯ އަތުން 0-2 އިން މޮޅުވެފައެވެ. އެޓީމު މިވަގުތު އޮތީ ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގެ ދެވަނައިގައި ކުޅުނު 17 މެޗުން 36 ޕޮއިންޓު ހޯދައިގެންނެވެ. ތާވަލުގެ އެއްވަނައިގައި ކުޅުނު 15 މެޗުން 38 ޕޮއިންޓް ހޯދައިގެން އޮތީ އެތްލެޓިކޯ މެޑްރިޑެވެ.