މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާއާއެކު މަސައްކަތްކުރަން ބޭނުންވާ ކަމަށް ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ބުނެފިއެވެ.

ބްރެޒިލް އަށް ނިސްބަތްވާ ނޭމާ ބާސެލޯނާ އާއި ގުޅުނީ ޕެޕް ގާޑިއޯލާ އެޓީމު ދޫކޮށް ބަޔާން މިއުނިކާއި ގުޅުނުތާ އަހަރެއް ފަހުންނެވެ. ނޭމާ ގަބޫލު ކުރާގޮތުގައި އެއީ ދޫކޮށްލެވުނު ރަނގަޅު ފުރުސަތެއް ކަމަށާއި އަދި އޭނާގެ ފުޓުބޯޅަ ހަޔާތުގައި ޕެޕް ގާޑިއޯލާގެ ދަށުން ކުޅެން އޭނާ ބޭނުންވެއެވެ.

"އަހަރެން އަބަދުވެސް ބޭނުންވޭ ގާޑިއޯލާގެ ދަށުން ކުޅެން. އޭނާ އަކީ ވަރަށް ތަފާތު ކޯޗެއް، ބާސެލޯނާ އަށް އަހަންނަށް ދެވުނީ ގާޑިއޯލާ ބާސާ ދޫކޮށްލިފަހުން، އަހަރެން އުއްމީދުކުރަން ގާޑިއޯލާގެ ދަށުން ކުޅެން ފުރުސަތު ލިބޭނެ ކަމަށް" އީއެސްޕީއެން ބްރެޒިލް އާއި ވާހަކަ ދައްކަމުން ނޭމާ ބުންޏެވެ.

ގާޑިއޯލާ ވަނީ މިސީޒަނުގައި މެންޗެސްޓާ ސިޓީ އަށް ޕްރެމިއާ ލީގު ތަށި ކާމިޔާބު ކޮށްދީފައެވެ. މީގެ އިތުރުން ގާޑިއޯލާ އަންނަނީ ކުރިޔަށް އޮތް ސީޒަނުގައި ވެސް އެޓީމު ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ، މީގެތެރޭގައި 75 މިލިއަން ޕައުންޑަށް ލެސްޓާ ސިޓީ އިން ވިދާލި ރިޔާދު މަހްރޭޒް ގެންނަން އެޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ނޭމާ މިހެން ބުނެފައިވާއިރު މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ޕީއެސްޖީ ދޫކޮށްލަން އޭނާ އުޅޭކަމުގެ އަޑުތަކެއް ދާދިފަހުން ވަނީ ފެތުރިގެން ގޮސްފައެވެ.