އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީ ބަލިކޮށް ލެސްޓާ ސިޓީން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ލެސްޓާގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމު ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު އެއްވަނައިގައި ލެސްޓާ އޮތީ މެންޗެސްޓަރ ޔުނައިޓެޑަށްވުރެ އެއް މެޗު އިތުރަށް ކުޅެގެން ޕޮއިންޓެއްގެ ފަރަގަކާއެކު އެވެ.

މެޗު ރަނގަޅަށް ފަށައި ހަމަލާތައް އުފެއްދުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ ވަރަށް ކުރީކޮޅު ލެސްޓާއިން ފުރަތަމަ ލަނޑު ޖެހިއެވެ. ހާވޭ ބާންސް ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ ހަވަނަ މިނެޓުގައި މި ލަނޑު ލެސްޓާ ސިޓީއަށް ކާމިޔާބުކޮށްދިނީ ވިލްފްރެޑް އެވެ.

ލެސްޓާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައިވަނިކޮށެވެ. މާކް އަލްބްރައިޓަން ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޭމްސް މެޑިސަން އެވެ. \

މި ސީޒަނަށް ބޮޑު ހޭދައެއް ކޮށްފައިވާ ޗެލްސީއަށް މި ސީޒަނުގައި އެދެވޭ ނަތީޖާތަކެއް ނުނެރެވޭތީ ގިނަބަޔަކު ދަނީ އެ ޓީމަށް ފާޑުކިޔަމުންނެވެ. ހާއްސަކޮށް ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑްގެ އިސްތިއުފާއަށް ގޮވާލާ އެ ކުލަބުގެ ސަޕޯޓަރުން ދަނީ ސޯޝަލް މީޑީއާގައި ނުރުހުން ފާޅުކުރަމުންނެވެ.

މެޗުގެ ބޮޑުބައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޗެލްސީންނެވެ. ނަމަވެސް އެ ޓީމަށް މާ އެދެވޭ ފުރުސަތުތަކެއް ތަނަވަސްވެފައެއް ނުވެއެވެ.

މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި ލެސްޓާ އޮތީ 38 ޕޮއިންޓާއެކު އެވެ. އެ ޓީމަށް އެއްވަނައިގައި ހަމަޖެހިލެވޭނީ މިރޭ މެންޗެސްޓަރ ސިޓީއާއި މެންޗެސްޓަރ ޔުނައިޓެޑް ކުޅޭ މެޗުތަކުގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ. މި ދެ ޓީމަށްވެސް އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ. މި ބައްޔާއެކު ޗެލްސީ ވަނީ ތާވަލުގެ 8 ވަނައަށް ސޮއްސާލާފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ސީޒަނަށް ބޮޑު ހޭދައެއްކުރި ޗެލްސީން ދަނީ އެ ޓީމުގެ ކޯޗުކަމުން ލަމްޕާޑް ވަކިކުރުމާއި މެދު މަޝްވަރާތައް ކުރަމުންނެވެ.