ސްޕެއިންގެ ގަދަބާރު ރެެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިކަން ހާމަކޮށް ރެއާލް މެޑްރިޑުން ނެރުނު ނޫސްބަޔާނުގައި ބުނީ ޒިދާން ކޮވިޑަށް ފައްސިވުމާއި ގުޅިގެން ބަލަންޖެހޭ ބެލުންތައް މިހާރު ބަލަމުން އަންނަ ކަމަށެވެ.

ރެއާލްގެ ކޯޗު ކޮވިޑަށް ފައްސިވިއިރު އޭނާ ދަނީ އެ ކުލަބުގައި ހިތްދަތި ދުވަސްތަކެއް ވޭތުކުރަމުންނެވެ. އެއީ އެ ޤައުމުގެ ތިންވަނަ ޑިވިޝަނުގެ އަލްކޮޔާނޯ އަތުން ބަލިވެ ސްޕެނިޝް ކަޕުން އަލްވަދާއު ކިޔަން ޖެހުމާއެކު ޓީމުގެ އެތެރޭގައި ގިނަ މައްސަލަތަކެއް ފެންމަތިވުމާއި ގުޅިގެންނެވެ.

ރެއާލް މެޑްރިޑުން ނެރުނު ބަޔާނުގައި ބުނީ ކޯޗު ފައްސިވުމާއި ގުޅިގެން ވީހާވެސް އަވަހަށް އެކަހެރިކޮށްފައިވާ ކަމަށެވެ. އަދި ކޯޗާއި ބައްދަލުވެފައި ތިބި އެ ޓީމުގެ ހުރިހާ ކުޅުންތެރިންގެ ކަންކަން ވަކިވަކިން ވަރަށް ގާތުން ބަލާނެ ކަމަށާއި ކުލަބުގެ އޮފިޝަލުންނާއި ބައްދަލުވެފައި ވޭތޯ ބަލަމުން އަންނަ ކަމަށެވެ.

ޒިދާން ފައްސިވުމާއި އެކު އަންނަ ހޮނިހިރު ދުވަހު އަލަވޭސްއާއި ދެކޮޅަށް ރެއާލް ކުޅެން ހަމަޖެހިފައިވާ މެޗަށް ޒިދާން އެ ޓީމާއެކު ދަތުރުނުކުރާނެ އެވެ. އަދި އެ ކުލަބުގެ އެހެން ކުޅުންތެރިން ފައްސިވެފައި ވޭތޯ ބަލަމުންދާތީ އިތުރު ކުޅުންތެރިން މި ދަތުރުގައި ބައިވެރި ނުވުމުގެ ފުރުސަތު ބޮޑެވެ.

މީގެކުރިން އަލްކޮޔާނޯ އާއި ބައްދަލުކުރި މެޗުގެ ކުރިން ހެދި ޓެސްޓުތަކުން ރެއާލްގެ ނާޗޯ ފެނާންޑޭސް ވެސް ވަނީ ކޮވިޑް- 19 އަށް ފައްސިވެފައެވެ.

ރެއާލް މެޑްރިޑުން ނެރެމުންދާ ދަށް ނަތީޖާތަކާއި ގުޅިގެން އެ ކުލަބުގެ ކޯޗުކަމުން ޒިދާން ދުރުކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި މައްސަލައިގައި ރެއާލް މެޑްރިޑުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ އެވެ.