އިނގިރޭސި ކުލަބް ޗެލްސީގެ އާ ކޯޗުކަމުގެ މަގާމަށް ކުރިން ޕީއެސްޖީގެ ކޯޗުގެ ގޮތުގައި ހުރި ތޯމަސް ޓުޗެލް ހަމަޖައްސައިފިއެވެ.

އުމުރުން 47 އަހަރުގެ ޓުޗެލް އެންމެ ފަހުން ކޯޗުކަންކޮށް ދިން ޕީއެސްޖީގެ ކޯޗުކަމުން ވަކިކޮށްފަައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ޗެލްސީގެ ކޯޗުކަމުން ލަމްޕާޑް ވަކިކޮށްފައިވަނީ މީގެ އެއް ދުވަސް ކުރިންނެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ އެ ޓީމު ނެރެމުންދާ ދަށް ނަތީޖާތަކާ ގުޅިގެންނެވެ. ޗެލްސީން ވަނީ މި ސީޒަނަށް ބޮޑު ހޭދައެއް ކޮށްފައެވެ. އެގޮތުން ގާތްގަނޑަކަށް 220 މިލިއަން ޕައުންޑަށް ކުޅުންތެރިން ގަނެފައިވާއިރު އެ ކުޅުންތެރިންގެ ފަރާތުންވެސް މާ އެދެވޭ ކުޅުމެއް ނުފެނެއެވެ. ނަތީޖާއެއްގެ ގޮތުން ގިނަބައެއްގެ ފާޑުކިޔުން އެ ޓީމަށް އަމާޒުވިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޗެލްސީއާއެކު ޓުޗެލް ހަދާފައިވަނީ އެއް އަހަރާ ބައިގެ އެއްބަސްވުމެކެވެ. އަދި އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭ ގޮތަށް ބައިތަކެއްވެސް ހިމެނެއެވެ. މިއީ ސީޒަނެއްގެ މެދުތެރެއިން ޗެލްސީއާ ހަވާލުވި ފަސްވަނަ ކޯޗެވެ. މީގެކުރިން ކޯޗުން ވަކިކުރި އިރު އެ ކުލަބުގެ ވެރިޔާ ރޯމަން މިހާތަނަށް މީޑީއާގަައި ވާހަކަައެއް ނުދައްކައެވެ. ނަމަވެސް ލަމްޕާޑް ވަކިކުރުމަށްފަހު ރޯމަން ވަނީ މީޑިއާގައި ގިނަ ވާހަކަތަކެއް ދައްކައިފައެވެ. އަދި ލަމްޕާޑްގެ މަސައްކަތްތަކަށް ރޯމަން ޝުކުރުއަދާކުރިއެވެ.

ޓުޗެލް އަކީ ކޯޗިންގެ ކެރިއަރުގައި ކާމިޔާބު ކޯޗެކެވެ. އޭނާ 2018 ވަނަ އަހަރު ޗެލްސީއާ ހަވާލުވެ އެ ކުލަބަށް ގިނަ ކާމިޔާބީތަކެއް ހޯދިއެވެ. އެގޮތުން ފްރެންޗް ލީގު ދެ ފަހަރު ކާމިޔާބުކުރުމާއި މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޕީއެސްޖީ ދަތުރުކުރީ ވެސް ޓުޗެލްގެ ކޯޗުކަމުގެ ދަށުންނެވެ. މީގެއިތުރުންވެސް ޕީއެސްޖީއާއެކު ގިނަ ކާމިޔާބީތައް އޭނާ ހޯދިއެވެ.

ޗެލްސީ އެންމެ އަވަހަށްވެސް މެޗެއް ކުޅޭނީ އަންނަ ބުދަދުވަހުއެވެ. ނަމަވެސް މި މެޗުގައި ބައިވެރިވުމަށް ޓުޗެލްއަށް ފުރުސަތު ލިބޭނީ އެ ގައުމުގައި ހަދާ ކޮވިޑު-19 ގެ ޓެސްޓުތަކަށްފަހުއެވެ. ޗެލްސީން އަމިއްލަ ދަނޑުގައި ނުކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ.