މ.މުލި ގެލެކްސީ ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން "އެސްޑެލާ ފުޓްސަލް ޗެލެންޖް 2021" ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

އަންނަ ބޮޑުއީދާއި ދިމާކޮށް އެ ރަށުގައި ބާއްވަން ނިންމި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަނީ ޖުމްލަ 16 ޓީމަށެވެ. މި މުބާރާތް ބޭއްވުމަށް މަސައްކަތްކުރަނީ ޖުލައި 16 އިން 25 ގެ ނިޔަލަށެވެ.

ވަގުތު އަށް މައުލޫމާތުދެމުން މުބާރާތުގެ އިސް އޮފިޝަލަކު ބުނީ މަސައްކަތްކުރަނީ މުޅި އަތޮޅަށް ހުޅުވާލައިގެން މި މުބާރާތް ބޭއްވުމަށް ކަމަށެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އެ ނިންމުން އަދި ފައިނަލް ނުވާކަމަށް ބުންޏެވެ. ނަމަވެސް އަވަސް މުސްތަގްބަލެއްގައި އެކަން ފައިނަލް ވެގެންދާނެ ކަމަށް ބުންޏެވެ.

މި މުބާރާތް އިންތިޒާމުކުރާ ގެލެކްސީ ސްޕޯޓްސް ކުލަބަކީ މ.މުއްޔަށް ނިސްބަތްވާ ކުލަބެކެވެ. އެ ކުލަބުން އިންތިޒާމުކޮށްގެން މި މުބާރާތް ބާއްވާއިރު، މިއީ ކޮންމެ އަހަރަކުވެސް އެ ކުލަބުން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

މުބާރާތުގެ އެންމެފަހުގެ މައުލޫމާތު ގެލެކްސީ ސްޕޯޓްސް ކުލަބުގެ ފޭސްބުކް ޕޭޖުން ފެނިގެންދާނެ ކަމަށް މުބާރާތް އިންތިޒާމުކުރުގައި ހަރަކާތެރިވާ ފަރާތްތަކުން މައުލޫމާތުދެެއެވެ.

ގެލެކްސީ ސްޕޯޓްސް ކުލަަބަކީ މ.މުލީގައި 2012 ވަނަ އަހަރު އުފެދުނު ޓީމެކެވެ. ރަސްމީ ކުލަބެއްގެ ގޮތުގައި 2019 ވަނަ އަހަރު ރަޖިސްޓްރީވި މި ކުލަބަކީ އެ ރަށުގެ އެންމެ ޒުވާން އެއް ކުލަބެވެ.