އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ބާންލީ އިން އާސެނަލް މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

ބާންލީގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދެ ޓީމަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ.

މެޗުގެ ވަރަށް ކުރީކޮޅު އާސެނަލް ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ ހަވަނަ މިނެޓުގައި ވިލިއަން ދިން ޕާހަކުން އާސެނަލަށް ލީޑު ނަގައިދިނީ އެ ޓީމުގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަންއެވެ.

އެއް ގޯލުގެ ލީޑަކާއެކު މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް މި ހާފުގެ ފަހުކޮޅު ބާންލީން ނަތީޖާ ހަމަހަމަކުރިއެވެ. އާސެނަލުގެ ކުޅުންތެރިން ހެދި ގޯހެއްގެ ފައިދާ ނަގައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކްރިސް ވުޑް އެވެ. މި ލަނޑަށްފަހު ވެސް އާސެނަލަށް ލީޑުނަގާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ.

ހާއްސަކޮށް މެޗުގެ ދެވަނަ ހާފުގައި އާސެނަލަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. އެގޮތުން ނިކޮލަސް ޕެޕޭއަށް ލިބުނު ފުރުސަތު ފާޙަގަކޮށްލެވެއެވެ.

މެޗަށްފަހު އާސެނަލްގެ ކޯޗު އާޓެޓާ ވަނީ ވީއޭއާރުގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެއީ މެޗުގެ ފަހުކޮޅު ޕެޕޭ ފޮނުވާލި ހަމަލާއެއް ގޯލުގެ ރޮނގުމަތިން ބާންލީގެ ޕީޓާސް ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި އޭނާގެ އަތުގައި ޖެހުނު ކަމަށް ނިންމާ ޕެނަލްޓީއެއް ދިނުމަށްފަހު ފަހުން ވީއޭއާރު ބެލުމަށްފަހު އެ ނިންމުން ބަދަލުކުރުމުންނެވެ.

މިި މެޗުން ލިބުނު ޕޮއިންޓާއެކު އާސެނަލް އޮތީ ތާވަލުގެ 10 ވަނައިގައެވެ. އެއީ ކުޅުނު 27 މެޗުން ލިބުނު 38 ޕޮއިންޓާއެކު އެވެ. އަނެއްކޮޅުން ބާންލީ އޮތީ އާސެނަލްގެ ފަހަތުން ތާވަލުގެ 15 ވަނައިގައެވެ. އެއީ ކުުޅުނު 28 މެޗުން ލިބުނު 30 ޕޮއިންޓާއެކު އެވެ.

ލީގުގައި އާސެނަލް އެންމެ އަވަހަށް ދެން މެޗެއް ކުޅޭނީ މިމަހުގެ 14 ގައެވެ. އެ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓޮޓެންހަމް އާއެވެ. މިމަހުގެ 13 ވަނަ ދުވަހު ބާންލީ ބައްދަލުކުރާނީ އެވަޓަން އާއެވެ.