ސްޕެއިނުގެ ބާސެލޯނާގެ ރައީސަކަށް ބޮޑު ތަފާތަކުން ކުރިހޯދައިގެން މީގެކުރިން އެ މަޤާމުގައި ހުރި ޖޮއާން ލަޕޯޓާ އިންތިހާބުވެއްޖެ އެވެ.

ލަޕޯޓާ ވަނީ 2010-2003 ގެ ނިޔަލަށް ބާސެލޯނާގެ ރައީސްކަން މީގެކުރިން އަދާކުރައްވާފައެވެ. ކުލަބުގެ ރައީސްގެ މަޤާމަށް ލަޕޯޓާ ހޮވިވަޑައިގަތީ ޖުމްލަ 30،184 ވޯޓާއެކު އެވެ.

ދެވަނައިގައި ހިމެނުނީ އެންމެ ބޮޑު ކެމްޕޭނެއް ކުރި ވިކްޓަ ފޮންޓް އެވެ. އޭނާއަށް ލިބުނީ ޖުމްލަ 16،679 ވޯޓެވެ. އަދި ތިންވަނައިގައި ހިމެނުނު ފްރޭޒާ އަށް ލިބުނީ 4769 ވޯޓެވެ.

ބާސެލޯނާގެ އެންމެ ކާމިޔާބު އަހަރުތަކުގެ ތެރޭގައި އެ ކުލަބުގެ ރައީސްކަމުގައި ހުރި ލަޕޯޓާގެ ދައުރުގައި މީގެކުރިން ބާސާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ދެ ފަހަރު ޗެމްޕިއަންސް ލީގު، ހަތަރު ސްޕެނިޝް ލީގު، ސްޕެނިޝް ކަޕަކާއި ކުލަބް ވޯލްޑްކަޕް ދެ ތައްޓެއް އޭޏާގެ ދައުރުގައު އުފުލާލިއެވެ. ލަޕޯޓާގެ ދައުރުގައި އެންމެ މަގުބޫލުވި ދެ ކޯޗުންނަކީ ޕެޕް ގާޑިއޯލާ އައި ފްރޭންކް ރައިކާޑް އެވެ.

ހޮވުމަށްފަހު ލަޕޯޓާ އެންމެ ބޮޑު އިސްކަމެއް ދޭނީ ކުލަބުގެ މާލީ ހާލަތު ހަމަޔަކަށް އެޅުވުމެވެ. ބާޓެމޮއުގެ ދައުރުގައި ކުލަބުގެ ދަރަނި ބޮޑުތަނުން އިތުރުވެފައިވާއިރު ގިނަބައެއްގެ ފާޑުކިޔުންތަކެއް އޭނާއަށް އަމާޒުވެފައިވެއެވެ.

މީގެއިތުރުން މެސީގެ ކުރިމަގާއި ގުޅޭގޮތުންވެސް ލަޕޯޓާ ވާހަކަދައްކާފައިވެއެވެ. އޭނާގެ އެންމެ ބޮޑު އުއްމީދަކީ އާ އެއްބަސްވުމުގައި މެސީ ސޮއިކުރާނެ ކަމަށެވެ. ބެލެވޭ ގޮތުގައި ކުރިޔަށްއޮތް ދުވަސްތަކުގެ ތެރޭގައި އާ އެއްބަސްވުމެއްގައި މެސީ ސޮއިކުރާނެއެވެ. އަދި މެސީއަކީ ކުލަބަށް ބޭނުންވާ ކުޅުންތެރިއެއް ކަމަށާއި ކުލަބުގެ މާލީ ހާލަތު ރަނގަޅުކުރުމަށް އާ އެއްބަސްވުމެއްގައި މެސީ ސޮއިކުރުން މުހިއްމު ކަމަށްވެސް ލަޕޯޓާ ވިދާޅުވިއެވެ.