ރާއްޖޭގެ ތަޖުރިބާކާރު މިޑްފީލްޑަރ އަދި ކުޅިވަރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީ (އަޑުބަރޭ) ގެ ނަންނ މިއަހަރުގެ އޭއެފްސީ ކަޕުގައި އަލަށް ވާދަކުރާ ކުލަބް އީގަލްސްގެ ލިސްޓުގައި ހިމަނައިފިއެވެ.

އުމުރުން 34 އަހަރުގެ މިޑްފީލްޑަރު ގެ ނަން ލިސްޓުގައި ހިމަނާފައިވާއިރު، އޭނާގެ ނަން ލިސްޓުގައި ޖެހީ ޓްރާންސްފަރ މާކެޓްގެ މުއްދަތު ރޭ ހަމަވުމުގެ ކުރިންނެވެ. އޭނާ ވަނީ އިއްޔެ އޮތް އީގަލްސްގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވެފައެވެ.

އެންމެފަހުން އަޑުބަރޭ ކުލަބަކަށް ކުޅެފައިވަނީ 2018 ވަނަ އަހަރުގައެވެ. އެއީ ކުލަބް ގްރީންސްޓްރީޓްސް އަށެވެ. ނަމަވެސް އޭނާ ކުޅުމާއި ދުރަށް ދާން ޖެހުނީ އަނިޔާއާއި ގުޅިގެންނެވެ. އޭގެފަހުން މިދިިޔަ ސީޒަނުގައި އޭނާ އެއްގޮތަކަށްވެސް ނުފެނެއެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަށް ކުޅޭ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ރާއްޖޭގެ ކުލަބު އީގަލްސް އާއި ވާދަކުރަން ޖެހޭ ޓީމަކީ ބޫޓާނުގެ އެއްވަނަ ޓީމު ކަމަށްވާ ތިމްޕޫ ސިޓީ އެފްސީއެވެ. ތިމްޕޫއާ ދެކޮޅަށް އީގަލްސް ކުޅޭ މެޗު ތާވަލުކޮށްފައިވަނީ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހަށެވެ. އެ މެޗުން އީގަލްސް މޮޅުވެއްޖެނަމަ ޕްރިލިމިނަރީ ދެވަނަ ބުރުގައި އީގަލްސް ނުކުންނަން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އަދި އެ މެޗުން މޮޅުވެއްޖެނަމަ، ޕްލޭއޮފް ބުރުގައި އީގަލްސް ކުޅެން ޖެހުމުގެ އެންމެ ފުރުސަތު ބޮޑީ އިންޑިއާގެ ބެންގަލޫރު އެފްސީއާއެވެ.

މުބާރާތުގެ ދެކުނު އޭޝިއާ ގްރޫޕުން ޖާގަ ހޯދާފައިވަނީ ރާއްޖޭގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. މާޒިޔާގެ އިތުރުން ދެން ގްރޫޕް ސްޓޭޖުގެ ޖާގައެއް ކަށަވަރުކޮށްފައިވަނީ އިންޑިއާގެ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ.

އެހެން އަހަރުތަކާ ޚިލާފަށް މި އަހަރު ކޮލިފައިންގ މެޗުތައް ކުރިއަށްދާނީ އެއް ލެގަށެވެ. އޭއެފްސީން ތާވަލުކޮށްފައިވާ ގޮތުން ދެކުނު އޭޝިއާ ގްރޫޕުގެ ޕްރިލިމިނަރީ ބުރާއި ޕްލޭ-އޮފް ބުރަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ މެއި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ޓީމުތަކަށް ހާއްސަ ގްރޫޕުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ.