އެފްއޭއެމް އެފްއޭ ކަޕްގައި ކްލަބް އީގަލްސް ކަޓުވާލައި، ސުޕާ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެޓީމުވެސް ވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. މިގޮތުން 15 މިނެޓުގެ ދެހާފް ނަތީޖާ ނެރުމަށް ކުޅެފައިވާއިރު، އޭގެއިންވެސް ނަތީޖާ ނުނިކުތުމުން ޖަހާފައި ވަނީ ޕެނަލްޓީއެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ސަސް އިންނެވެ. މި ލަނޑު 18 ވަނަ މިނެޓުގައި ކާމިޔާބުކުރީ އިބްރާހިމް އަތީގް ހަސަންއެވެ. ނަމަވެސް 31 ވަނަ މިނެޓުގައި އީގަލްސްގެ ބްރޫނޯ ވިނީސިއަސް ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ފުރަތަމަ ހާފް 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެން ނިމިފައިވާއިރު، ދެވަނަ ހާފް ފެށިގެން މުހައްމަދު ސާމިރު ވަނީ ސަސްއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ. ނަމަވެސް މެޗު ނިމެން 8 މިނެޓަށް ވެފައި ވަނީކޮށް އަބްދުﷲ ޒިޔާން ވަނީ އީގަލްސްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން ދެޓީމުވެސް އެއްވަރުވެފައި ވާތީ، ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓުގެ ދެ ހާފްގައިވެސް ދެޓީމަށް އިތުރު ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އީގަލްސްއަދި ސަސް އިން ވެސް ވަނީ 10 ޕެނަލްޓީ ޖަހާފައެވެ. ނަމަވެސް އީގަލްސްއަށް އޭގެ ތެރެއިން ހަ ޕެނަލްޓީ ޖެހިފައިވާއިރު، ސަސް އިން ވަނީ ހަތް ޕެނަލްޓީ ޖަހާފައެވެ.