އެފްއޭ ކަޕްގެ ތިންވަނަ ހޮވާ މެޗު ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކްލަބް (ސަސް) އިން ނުކުޅެން ނިންމުމާއެކު، ކްލަބް ގްރީން ސްޓްރީޓްސްއަށް މުބާރާތުގެ ތިންވަނަ ދިނުމަށް އެފްއޭއެމް އިން ނިންމައިފިއެވެ.

އެފްއޭއެމް އިން ބުނީ، މާދަމާ ހަވީރު އެފްއޭ ކަޕްގެ ތިން ވަނަ ހޮވާ މެޗުގައި ސަސް އަދި ގްރީން ބައްދަލުކުރަން ހަމަޖެހިފައިވާއިރު، އެ މެޗު ނުކުޅެވޭނެކަން ސަސް އިން އަންގާފައިވާ ކަމަށެވެ.

މިއާއެކު، ތިންވަނަ ހޮވާ މެޗު ކެންސަލްކޮށް، އެފްއޭ ކަޕްގެ ތިންވަނަ ގްރީންއަށް ދިނުމަށް ނިންމާފައިވާ ކަމަށް އެފްއޭއެމް އިން ބުނެއެވެ.

އެފްއޭއެމްގެ ގަވައިދު ބުނާ ގޮތުން މުބާރާތެއްގައި ބައިވެރިވުމަށްފަހު، އެ މުބާރާތަކުން ވަތްކެއް ނުވެވޭނެއެވެ. މިގޮތުން މުބާރާތުން ސަސް ވަކިވި މައްސަލަ އެފްއޭއެމް އިން ބެލުމަށް ނިންމާފައިވާއިރު، އެ ކްލަބަށް ފިޔަވަޅު އަޅާނެ ކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.

މުބާރާތުގެ ސެމީއަށް ސަސް ދަތުރުކުރީ ކުއާޓާ ފައިނަލުގައި ކްލަބް އީގަލްސް ބަލި ކުރުމަށްފަހުއެވެ. ސެމީގައި ސަސް ބަލިވީ ޕެނަލްޓީ ޖަހައިގެން ވެލެންސިއާ އަތުންނެވެ.

އެފްއޭ ކަޕްގެ ފައިނަލުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ކްލަބް ވެލެންސިއާ އެވެ.