މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެޓީމުގެ ވަގުތީ ކޯޗު އަހުމަދު ސުޒެއިރު (ކޮއްކޮ) ގެ މަސައްކަތަށް ތައުރީފް ކޮށްފިއެވެ.

މާޒިޔާއިން ބުނީ، އެ ކްލަބުގެ ކޯޗުކަމުން ޖެސިކް ވަކިވުމާ ގުޅިގެން، ވަގުތީ ކޯޗުކަމާ ހަވާލުވި އެސިސްޓެންޓް ކޯޗު ކޮއްކޮ ހޯދި ކާމިޔާބަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

ކޮއްކޮގެ އިރުޝާދުގެ ދަށުން މާޒިޔާ ވަނީ އެފްއޭ ކަޕްގައި ކުޅުނު މެޗުތައް ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން ތިންވަނަ ފަހަރަށް ހޯދާފައެވެ. އަދި އެ ކްލަބުން ވަނީ ދިވެހި ޕްރިމިއާ ލީގުވެސް ހޯދާފައެވެ.

މާޒިޔާއަށް ކޮއްކޮ އިރުޝާދު ދީފައިވާއިރު، އެ ކްލަބުގައި ހިމެނޭ ބިދޭސީ އެއްވެސް ކުޅުންތެރިޔަކު ނުކުޅެއެވެ. މިގޮތުން މާޒިޔާއިން އެފްއޭ ކަޕް ހޯދީ ދިވެހި ކުޅުންތެރިންނާ އެކުގައެވެ.

މީގެއިތުރުން މާޒިޔާއިން ވަނީ ކާމިޔާބުކަމާއެކު މި ސީޒަން ނިންމާލުމަށް އެހީވެދިން ކުޅުންތެރިންނާއި، އޮފިޝަލުން އަދި ކޯޗިން ސްޓާފަށް ޝުކުރު އަދާ ކޮށްފައެވެ.

މި ސީޒަނުގައި މާޒިޔާއަށް ކާމިޔާބު ނުކުރެވުނީ ހަމައެކަނި ޕްރެޒިޑެންޓްސް ކަޕް ކަމަށްވާއިރު، ކުރިޔަށް އޮތް ސީޒަނަށް އެ ކްލަބުން ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ވަނީ އިއުލާން ކޮށްފައެވެ.