އެފްއޭ ކަޕްގައި ކްލަބް ވެލެންސިއާ 0-2 ގެ ނަތީޖާއަކުން ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުން ދިޔައީ މާޒިޔާ އިންނެވެ. މިގޮތުން އެޓީމުން ދިޔައީ ވެލެންސިއާގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފައްދަމުންނެވެ.

މާޒިޔާ އިން މެޗުގައި ލީޑު ނެގީ 14 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓިމަށް ކާމިޔާބު ކޮށްދިނީ ނާއިޒް ހަސަން (ދާދު) އެވެ. މި ލަނޑަށްފަހުވެސް މާޒިޔާއިން ދިޔައީ ވެލެންސިއާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

މިގޮތުން މާޒިޔާ އިން ވަނީ 32 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) ގެ ލަނޑުން މެޗުގެ ލީޑު ފުޅާ ކޮށްފައެވެ. މި ސީޒަނުގައި ހަމްޕު އަންނަނީ މޮޅު ކުޅުމެއް ދައްކައި، މާޒިޔާއަށް މުހިންމު ގިނަ ލަނޑު ކާމިޔާބު ކޮށްދެމުންނެވެ.

މިއީ މާޒިޔާ އިން އެފްއޭ ކަޕް ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ. އެޓީމުން ވަނީ 2012 ވަނަ އަހަރު އަދި 2014 ވަނަ އަހަރުގެ އެފްއޭ ކަޕް ވެސް ކާމިޔާބު ކޮށްފައެވެ.

މާޒިޔާއިން އެފްއޭ ކަޕް ހޯދާފައިވާއިރު، އެޓީމުން ވަނީ ދިވެހި ޕްރިމިއާ ލީގުވެސް ހޯދާފައެވެ. އެޓީމަށް މި ސީޒަނުގައި ހަމައެކަނި ކާމިޔާބު ނުކުރެވުނީ ޕްރެޒިޑެންޓްސް ކަޕްއެވެ. ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި މާޒިޔާ ބަލިވީ ވެލެންސިއާ އަތުން 0-1 ގެ ނަތީޖާއަކުންނެވެ.