ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުލަބް ވެލެންސިޔާ އާއި ގްރީން ސްޓްރީޓް ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެއްޖެއެވެ.

މި މެޗުގައި ވެލެންސިއާގެ ޒުވާން ކުޅުންތެރިޔާ މުހައްމަދު އިލާން އިމްރާން ވަނީ އިތުރު ރެކޯޑެއް ވެސް ހަދާފައެވެ. އެއީ ލީގުގައި ގޯލެއް އެސިސްޓް ކުރި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑެވެ. އެއިރު އޭނާގެ އުމުރަކީ 14 އަހަރާއި ހަ މަހާއި 22 ދުވަހެވެ.

ފުރަތަމަ ހާފު ފަށައިގެން ވެލެންސިއާ އިން އައީ ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ކުލަބު ވެލެންސިއާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 11ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ހަސަން ސުފިއާންއެވެ. ނަމަވެސް އޭގެ ހަތް މިނެޓް ފަހުން ގްރީން ސްޓްރީޓްގެ އަންސަރު އިބްރާހިމް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.

އޭގެ ހަތް މިނެޓުފަހުން އަހުމަދު ރަސްލާން ވަނީ ލަނޑެއް ޖަހައި، މެޗުގައި ފުރަތަމަ ފަހަރަށް ގްރީން ސްޓްރީޓްސްއަށް ކުރިހޯދަދީފައެވެ. ނަތީޖާ ހަމަހަމަކޮށްދިން ޕެނަލްޓީ އިލާން ޖަހާފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. އެއީ އޭރިއާ ތެރެއިން އަބްދުﷲ ޔާމީން (ޔާނު)އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެކެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ގްރީން ސްޓްރީޓްސްގެ އަންކޮއެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ވެސް ދެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މި މެޗުން ލިބުނު އެއް ޕޮއިންޓާއެކު ކުޅުނު ނުވަ މެޗުން ގްރީން ސްޓްރީޓަށް ފަސް ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ހަތް ވަނައިގައެވެ. އަދި މި މެޗުން ލިބުނު އެއް ޕޮއިންޓާއެކު ކުޅުނު ނުވަ މެޗުން ކުލަބް ވެލެންސިއާ އަށް ދެ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ފުލުގައެވެ.