އެފްއޭއެމް އެފްއޭ ކަޕްގައި ޕެނަލްޓީ ޖަހައިގެން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް ވެލެންސިއާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ. މިގޮތުން ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓުގެ ދެ ހާފްގައިވެސް ނަތީޖާއަށް ބަދަލެއް ނައުމުން ޖަހާފައި ވަނީ ޕެނަލްޓީއެވެ.

މި މެޗުގައި ފުރަތަމަ ހާފްގައި އެއްވެސް ލަނޑެއް ފެނިގެން ގޮސްފައި ނުވާއިރު، ދެވަނަ ހާފް ފެށިގެން މެޗުގައި ލަނޑު ޖަހާ ފުރަތަމަ ލީޑު ނެގީ ވެލެންސިއާ އިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ 56 ވަނަ މިނެޓުގައި އަބްދުﷲ ހަނީފް (ބެންޖޯ)އެވެ.

ސަސް އިން ވެލެންސިއާ ހިފަހައްޓާފައި ވަނީ މެޗު ނިމެނިކޮށް އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު ހުސާމްއެވެ.

ޕެނަލްޓީގައި ސަސްގެ މައްޗަށް ވެލެންސިއާ ކުރިހޯދީ 4-5 ގެ ނަތީޖާއަކުންނެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި ދެ ޓީމުގެ ފަރާތުން ވެސް ވަނީ ގިނަ ޕެނަލްޓީތަކެއް މިސް ވެފައެވެ.

މުބާރާތުގެ ފައިނަލުގައި ވެލެންސިއާއާ ދެކޮޅަށް ނިކުންނާނީ ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް، ފައިނަލުގެ ޖާގަ ކަށަވަރު ކޮށްފައިވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއެވެ.