މިދިޔަ ސީޒަނުގައި ކްލަބް ވެލެންސިއާ އަށް ކުޅުނު ބިދޭސީ ކުޅުންތެރިންނަށް ނުދީ ހުރި މުސާރަ މައްސަލައިގައި ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން ވެލެންސިއާ އަށް ފިޔަވަޅު އަޅައިފިއެވެ.

މީގެ ދެތިން ދުވަސް ކުރިން ފީފާއިން ވަނީ ވެލެންސިއާ އިންޓަނޭޝަނަލް އަދި ލޯކަލް ޓްރާންސްފާ ބޭންކޮށްފައެވެ. އެހެން ކަމުން މުސާރައިގެ މައްސަލަ ހައްލު ކުރެވެންދެން އެއްވެސް އާ ކުޅުންތެރިއަކު ޓީމުގައި ރެޖިސްޓްރީ ނުކުރެވޭނެއެވެ.

މި ސީޒަނުގައި ވެލެންސިއާ އިން އެހެން ކްލަބްތަކުން ގެނައި ކުޅުންތެރިންނަށް ވެސް އަދި މިހާތަނަށް އެ ޓީމަށް މެޗެއް ނުކުޅެވެ އެވެ. އެ ގޮތުން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން އައި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ކްލަބް ގްރީން ސްޓްރީޓްސް އިން ގެނައި، ރިލްވާން ވަހީދު (ރިލޭ)، ވެލެންސިއާގެ ޕްރެކްޓިހުގައި ބައިވެރިވި ނަމަވެސް މެޗެއް ކުޅެވޭ ގޮތެއްނުވި އެވެ.

މިދިޔަ ސީޒަނުގައި އެ ކްލަބަށް ކުޅުނު ސްޕެއިންގެ ފޯވާޑް ބޯހާސް މާޓިން އަށް މުސާރަ ނުދޭ މައްސަލަ އޭނާ ވަނީ ފީފާއަށް ހުށައަޅާފައެވެ. މިހާރު ފީފާއިން ވެލެންސިއާއަށް ފިޔަވަޅު އަޅާފައި މިވަނީ މި މައްސަލަ ބެލުމަށް ފަހުއެވެ. މާޓިންގެ މުސާރަ އަކީ މަހަކު ފަސް ހާސް ޑޮލަރެވެ. މީގެ އިތުރުން މިދިޔަ ސީޒަނުގައި ވެލެންސިއާއަށް ކުޅުނު ބައެއް ދިވެހި ކުޅުންތެރިންނަށްވެސް މިސާރަ ނުދޭ މައްސަލަ ވަނީ އެފްއޭއެމް އަށް ވެސް ހުށައަޅާފައެވެ.

މި މައްސަލައިގައި އެފްއޭއެމްއަށް ފޮނުވި ސިޓީގެ ޖަވާބުގައި ބުނެފައިވާ ގޮތަށް އަދި އެކުޅުންތެރިންނަށް ފައިސާ ދީފާ ނުވެއެވެ. އެފްއޭއެމްއިން ސިޓީގެ ޖަވާބުގައި ބުނެފައި ވަނީ ކުލަބަށް ދޫކުރާ ސަބްސިޓީއިން މުސާރަ ފައިސާ ކެނޑުމަށް ފަހު ކުޅުންތެރިންނަށް ދޭނެ ކަމުގައެވެ. މުސާރައިގެ މައްސަލަ ބޮޑު އެފްއޭއެމްއިން ވަނީ މީގެ ކުރިން މިގޮތަށް މުސާރަ މައްސަލަ ޖެހުން ދެ ކުލަބެށް ސަސްޕެންޓުވެސް ކޮށްފައެވެ. އެއީ ރާއްޖޭގެ އެންމެ ދުވަސްވީ ދެކުލަބު ކަމުގައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަދީފްއޮފިޝިއަލް

    ސަސްޕެންޑް ކުރޭ ޕްލީޒް ފީފާ.ވެލެންސިޔާގެ ހިއްސާއޮންނަ ފަރާތެއް ރާއްޖޭގެ އެފްއޭގެ ރައީސަކީ.އޭނަގެ ސަބަބުން މިގަމުގެ ފުޓްބޯޅަ ހަލާކުވެ ނިމިއްޖެ.ޕްލީޒް އިންފަންޓީނޯ.

  2. ކައުންސެލަރު

    ފީފާއިން ފިޔަވަޅުއަޅަންވީކީ ވެލެންސިޔާއަކަށް މާޒިޔާއަކަށްނޫން. އެފްއޭއެމަށް.