އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 7-6 އިން ބްރައިޓަންގެ މައްޗަށް ކުރި ހޯދައި މެންޗެސްޓާ ޔުނައިޓެޑުން ފައިނަލްގެ ޖާގައެއް ރޭ ހޯދައިފިއެވެ.

އެފްއޭ ކަޕްގެ ފައިނަލްގައި ޔުނައިޓެޑް ނުކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. މެންޗެސްޓާ ސިޓީ ފައިނަލަށް ދަތުރު ކުރީ ސެމީގައި 3-0 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށްފައެވެ. މިއީ އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލެއްގައި ޔުނައިޓެޑާއި ސިޓީ ބައްދަލުކުރާނެ ފުރަތަމަ ފަހަރެވެ.

ދުނިޔޭގެ އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތުގެ ފައިނަލް އޮންނާނީ ޖޫން 3 ގައެވެ.

ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު ފޯރިގަދަ ސެމީ ފައިނަލް މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. އެކަމަކު، އެ ހަމަލާތައް ދިފާއު ކުރީ މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އާއި ބްރައިޓަންގެ ކީޕަރު ރޮބަޓް ސަންޗޭޒްއެވެ.

ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހަން ޖެހުނު އިރު، މެންޗެސްޓާ ޔުނައިޓެޑްގެ ކަސެމީރޯ، ޑިއޯގޯ ޑަލޯ، ޖޭޑަން ސަންޗޯ، މާކަސް ރަޝްފޯޑް، މާސެލް ސަބިޓްޒާ، ވައުޓް ވެގްހޯސްޓް އަދި ވިކްޓަ ލިންޑެލޯފް ޖެހި ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފައެވެ.

ބްރައިޓަންގެ އަލެކްސިސް މެކަލިސްޓާ، ޕަސްކާލް ގްރޮސް، ޑެނިޒް އުންޑޭވް، ޕެލްވިސް އެސްޓޫޕީނިއާން، ލެވިސް ޑަންކް، އެޑަމް ވެބްސްޓާ ޕެނަލްޓީ ވައްދާލިއެވެ. އެކަމަކު، ބްރައިޓަންގެ ސޮލޮމަން ބެންޖަމިން މާޗް ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.