ޕްރިމިއާ ލީގު ކްލަބް ބްރައިޓަން އިން މުޅިން އަލަށް ޔޫރަޕް ފުޓްބޯޅަ ކުޅެން ޖެހިއްޖެއެވެ.

މިއީ އެ ކުލަބްގެ 121 އަހަރުވީ ތާރީހުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީއެވެ. މި ސީޒަންގައި ތަފާތު، މޮޅު ކުޅުމެއް ދައްކަމުން އައި ބްރައިޓަން އިން ޗެމްޕިއަންސް ލީގަށް ވެސް ވާދަކުރިއެވެ. އެކަމަކު، ލީގުގެ ބައެއް މެޗުތަކުން ދަށް ނަތީޖާތަކެއް ނެރެވުމުން ބްރައިޓަން އަށް އެ ދޮރު ބަންދުވިއެވެ.

ލީގުގައި ބްރައިޓަން ރޭ ވަނީ ސައުތެމްޓަން 3-1 އިން ބަލިކޮށްފައެވެ. އަދި ބްރައިޓަން އަށް ދެ މެޗު އޮތަސް، ޕްރިމިއާ ލީގުގެ ހަ ވަނައިގައި އެ ޓީމަށް ނިންމާލެވޭނެ ކަން މިހާރު ވަނީ ކަށަވަރުވެފައެވެ. އަދި ފަސް ވަނަ އަށް އެރުމުގެ ފުރުސަތު ވެސް ބްރައިޓަން އަށް އެބައޮތެވެ.

ބްރައިޓަންގެ އެމެކްސް ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ ފުރަތަމަ ދެ ލަނޑު ކާމިޔާބުކޮށް ދިނީ އިވަން ފާގަސަންއެވެ. ދެވަނަ ހާފްގައި ސައުތެމްޓަންގެ މުހައްމަދު އެލްޔޫނުސީ ލަނޑެއް ޖަހާފައި ވަނިކޮށް ބްރައިޓަންގެ ލީޑް ފުޅާކޮށް ދިނީ ޕަސްކަލް ގްރޮސްއެވެ.

މިއީ ބްރައިޓަން އިން ލީގުގައި ހޯދި 18 ވަނަ މޮޅެވެ.

ބްރައިޓަން ފަސް ވަނައިގައި ނިންމާލައިފި ނަމަ، އެ ޓީމަށް ޔޫރަޕާ ލީގު ކުޅެވޭނެއެވެ. އަދި ހަތް ވަނައިގައި ނިންމާލެވިއްޖެ ނަމަ، ޔޫއެފާ ޔޫރަޕާ ކޮންފަރެންސް ލީގު ކުޅެވޭނެއެވެ.

ބްރައިޓަން އަށް ކުރިއަށް އޮތީ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗާއި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗެވެ.

ބްރައިޓަން ޔޫރަޕް ފުޓްބޯޅަ ކުޅޭ އިރު، އެ ޓީމުގައި ހިމެނޭ މުހިންމު ކުޅުންތެރިންތަކެއް ޓީމު ދޫކޮށް ދާނެ ކަމަށް ބެލެވެއެވެ.