ޕްރެޒިޑެންޓް ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ކުލަބް އީގަލްސްއާއި ބުރު ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗު ކުލަބް އީގަލްސްއިން ކާމިޔާބުކޮށްފިއެވެ.

މިއަދު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މިމެޗު އީގަލްސްއިން ކާމިޔާބުކޮށްފައި ވަނީ 1-2ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީވެސް އީގަލްސްއިންނެވެ. މެޗުގެ 26 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާންއެވެ. ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް އީގަލްސްއަށް ވަނީ ލިބިގެން ގޮސްފައެވެ. އެހެން ނަމަވެސް ބުރުގެ ކީޕަރު ޝައިހާންގެ ހުށިޔާރުކަމުން މި ހަމަލާތަށް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

ފައިނަލުގެ ޖާގައެއް ހޯދުމަށް ބުރުންވެސް ވަރުގަދަ ކުޅުމެއް ދެއްކި މި މެޗުގައި ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފިފައެއް ނުވެއެވެ. ބުރުން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ޖަހާފައިވަނީ ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ 81 ވަނަ މިނެޓުގައި އީގަލްސްގެ ކުޅުންތެރިއަކު ކުރި ކުށަކާއި ގުޅިގެން ލިބުނު ޕެނަލްޓީއިން ނަތީޖާ ހަމަހަމަކޮށް ދިނީ މުހައްމަދު ތަސްމީނުއެވެ.

މެޗުގެ 90 މިނެޓުގެ ކުޅުން އެއްވަރު ވެގެން ނިމުމުން އިތުރު ވަގުތުގެ ގޮތުގައި 15 މިނެޓުގެ ދެހާފުވަނީ ކުޅެފައެވެ. އީގަލްސްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައި ވަނީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައެވެ. އީގަލްސްގެ ކުޅުންތެރިޔަކު ޖެހި ބޯޅަ ގޯލު ދަނޑީގައި ޖެހިފައި ނުކުތުމުން ދެވަނަ ފަހަރަށް ފޮނުވާލައިގެން މެޗުގެ 91 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ޒައިން ޒަފަރުއެވެ.

ސެމީފައިނަލުގެ ދެވަނަ މެޗުގައި މިރޭ މާޒިޔާއިން ނިކުންނާނީ ސުޕަރ ޔުނައިޓެޑާއި ދެކޮޅަށެވެ.