ޕްރެޒިޑެންޓް ކަޕުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ މާއިޔާއާއި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބައްދަލުކުރި މެޗު މާޒިޔާއިން ކާމިޔާބުކޮށްފިއެވެ.

މި މެޗު މާޒިޔާއިން ކާމިޔާބުކޮށްފައި ވަނީ 0-8ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އިރު ލަނޑެއް ކާމިޔާބު ކުރެވުނީ ހަމައެކަނި މާޒިޔާއަށެވެ. މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 38ވަނަ މިނެޓުގައި ހަސަން ރާއިފް ކާމިޔާބުކޮށްދިން އިރު މާޒިޔާގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 45 މިނެޓު ހަމަވެގެން ކުޅުނު އިތުރު ވަގުތުގައި ޖަހާދިނީ ހަމްޒާ މުހައްމަދުއެވެ.

ވަރުގަދަ ޓީމަކާއެކު ނިކުތް ސަސްއިން ވަނީ މި މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. ގުރޫޕް ސްޓޭޖުގައި އީގަލްސް 0-2ގެ ނަތީޖާއަކުން ބަލި ކުރި އިރު ސަސްއިން ވަނީ ވެލެންސިއާ 0-5ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.

ދެވަނަ ހާފުގައިވެސް މާޒިޔާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. މާޒިޔާގެ ތިންވަނަ ލަނޑު މެޗުގެ 54ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިއެއް ކަމުގައިވާ އެޑްގަރަސް ޒާސްކިސްއެވެ.

މި މެޗުގައި ރާއިފް އަދި ހަމްޒާގެ ދެ ގޯލު ފެނިގެން ގޮސްފައިވެއެވެ. އެގޮތުން މާޒިޔާގެ ހަތަރުވަނަ ލަނޑު މެޗުގެ 60ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަމްޒާއެވެ. މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ހަމްޒާގެ ފަރާތުން މިމެޗުގައި ތަފާތު މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ.

ސަސްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އަލީ އަޝްފާގު ނުލާ ކުޅުނު ސެމީފައިނަލް މެޗުގައި އެންމެ އެދެވޭ ކުޅުމެއް ސަސްއަށް ދެއްކިފައެއް ނުވެއެވެ. އޭގެ ފައިދާ ނަގާ މާޒިޔާއިން ވަނީ ވަރުގަދަ ހަމަލާތަކެއް ގޯލަށް އަމާޒުކޮށްފައެވެ. މާޒިޔާގެ ފަސްވަނަ ލަނޑު މެޗުގެ 73ވަނަ މިނެޓުގައި މުހައްމަދު އިރުފާން ކަމިޔާބުކޮށްދިންއިރު ހަވަނަ ލަނޑު ކާމިޔާބުކޮށް ދިނީ މާޒިޔާގެ ބިދޭސީ ކުޅުންތެރިއެއް ކަމުގައިވާ ސްޓެފަން މިހަލޮވިޗްއެވެ.

ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ތަކެއް ހިމެނޭ މާޒިޔާއިން މި މެޗުގައި ޖެހި ހަތް ވަނަ ލަނޑު މެޗުގެ 86ވަނަ މިނެޓުގައި ކާމިޔާބުކޮށް ދިނީ ނާއިޒް ހަސަންއެވެ. އަދި އަށްވަނަ ލަނޑު ކާމިޔާބުކޮށް ދިނީ ނިމި ދިޔަ ސީޒަނުގައި އީގަލްސްއަށް ކުޅުނު ހަސަން ރާއިފްއެވެ. މިއީ މި މެޗުގައި އޭނާ ކާމިޔާބު ކުރި ދެވަނަ ލަނޑުއެވެ.

މި އަހަރުގެ ސީޒަން ހުޅުވަން ކުޅުނު މެޗުގައި ވެސް ކުޅުނު ދެ ޓީމާއެކު މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުގެ ރޭ 21:00ގައެވެ.