މިރޭ ފެށުމަށް ހަމަޖެހިފައި އޮތް ޕްރެޒިޑެންޓް ކަޕް ފުޓުބޯޅަ މުބާރާތް މާދަމާރެއަށް ފަސްކޮށްފިއެވެ.

ދިވެހި ފުޓްބޯޅަ ސީޒަނުގެ ފުރަތަމަ މުބާރާތުގެ ފުރަތަމަ މެޗުގައި ކުޅުމަށް ހަމަޖެހިފައި އޮތީ އެންމެ ފަހުގެ މި މުބާރާތުގެ ޗެމްޕިއަން ވެލެންސިއާއާއި އީގަލްސްއެވެ.

މިރޭ ފެށުމަށް ހަމަޖެހުނު މުބާރާތް މާދަމާ ރެއަށް ލަސްކުރީ، އެފްއޭއެމްގެ ކޮމްޕެޓިޝަންސް ޓިޕާޓްމަންޓުގެ ހެޑް އިސްމާއިލް ރިޔާޒްގެ ތުއްތު ދަރިފުޅު ރޭ ފަތިހު ކުއްލިގޮތަކަށް ނިޔާވުމާއި ގުޅިގެން އެކުމެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުންނެވެ.

މިރޭގެ މެޗު ފަސްކުރިކަން ހާމަކުރަމުން އެފްއޭއެމްގެ މީޑިޔާ ގުރޫޕުގައި ލިޔެފައިވާ މެސެޖުގައި ބުނެފައިވަނީ، މިމެޗު ފަސްކުރިނަމަ ވެސް މާދަމާރޭ ކުޅުމަށް ހަމަޖެހިފައިިވާ މެޗުން މުބާރާތް ފަށާނެ ކަމަށެވެ. އަދި މިރޭގެ މެޗު ދެން ކުޅޭނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމުގައިވެސް މި މެސެޖުގައި ބުނެފައިވެއެވެ.

މުޅި އަކު ހަ ޓީމު ވާދަކުރާ މި މުބާރާތުގައި ޓީމުތަޢް ވަނީ ދެ ގުރޫޕަކަށް ބަހާލާފައެވެ. އަދި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މާދަމާރޭ މުބާރާތް ފަށާއިރު ޓީމުތަކުގެ ފަރިތަކުރުން ތަކަށް އަދި މާގިނަ ދުވަސް ނުވާއިރު އެންމެ އެދެވޭ ނަތީޖާތަކާއި ހަމައަށް ދިޔުމަށް ދަތިތަކެއް ކުރިމަތި ވާނެއެވެ.

ފުރަތަމަ ގުރޫޕުގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ވެލެންސިއާއާއި އީގަލްސް އަދި ސުޕަ ޔުނައިޓެޑްއެވެ. ދެވަނަ ގުރޫޕުގައި ހިމެނެނީ މާޒިޔާއާއި ޓީސީގެ އިތުރުން ބުރު ސްޕޯޓްސް ކުލަބްއެވެ. ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަންއަށް ކޮލިފައިވެފައިވާ ބުރު ސްޕޯޓްސްއިން މި މުބާރާތުގައިވެސް ކުޅޭ ފުރަތަމަ ފަހަރެވެ.

ކުރިން އަށް ޓީމު ވާދަކުރާގޮތަށް އޮތް ނަމަވެސް މާލީހާލަތާއި ކުލަބް ލައިސެންސުގެ ކަންކަން ހަމަނުޖެހުމުން ކުލަބް ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓްރީ މުބާރާތުގައި ވާދަނުކުރާން ނިންމިއެވެ.