އިނގިރޭސި ޕްރިމިއަރ ލީގުގައި ޝެފީލްޑް ޔުނައިޓެޑް އަތުން ލީޑް ޔުނައިޓެޑް މޮޅުވި މެޗުގައި ރާއްޖޭގެ އިތުރުން ދުނިޔޭގެ އެންމެ މަޤްބޫލު ރިޒޯޓުތަކުގެ ތެރޭގައި ހިމެނޭ ވަލްޑޯފް އެސްޓޯރިއާ އިތާފުށީގެ ޕްރައިވެޓް އައިލޭންޑް ޕްރޮމޯޓުކޮށްފިއެވެ.

ލީޑްސް ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗުގައި ރާއްޖޭގެ ރިޒޯޓެއް ޕްރޮމޯޓުކުރި އިރު، މިއީ ދުނިޔޭގެ އެންމެ މުއްސަނދި ލީގުގައި ރާއްޖޭގެ ރިޒޯޓެއް މިގޮތަށް ޕްރޮމޯޓުކުރި ފުރަތަމަ ފަހަރެވެ. މީގެކުރިން ޕްރިމިއަރ ލީގުގައި ވިޒިޓް މޯލްޑިވްސް ޕްރޮމޯޓުކޮށްފައިވެއެވެ.

ވަލްޑޯފް އެސްޓޯރިއާ އިތާފުށި ރިޒޯޓުގެ ޕްރައިވެޓް އައިލޭންޑަކީ ދުނިޔޭގެ ނަން މަޝްހޫރު ތަރިންގެ މަގްބޫލު މަންޒިލެކެވެ. މީގެތެރެއިން ދިވެހިންގެ މެދުގައި މަގުބޫލު ގިނަ ބަޔަކު މި ޕްރައިވެޓް އައިލޭންޑަށް ޗުއްޓީ ހޭދަކުރަން އައެވެ. ޕްރައިވެޓް އައިލޭންޑުގައި މީގެކުރިން ޗުއްޓީ ހޭދަކުރި މަގްބޫލު ތަރިންގެ ތެރޭގައި މަޝްހޫރު ދެމަފިރިން ކަމަށްވާ ލަވަކިޔުންތެރިޔާ ޝަކީރާ އާއި ސްޕެއިންގެ ބާސެލޯނާގެ ތަރި ޖެރާޑް ޕީކޭ ހިމެނެއެވެ. މީގެއިތުރުންސަމީ ކެދީރާ، ޕައުލީނިއޯ، ޕެޓްރިސް އެލްވާ ފަދަ ތަރިން މި ރިޒޯޓުގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ.

ހޮނިހިރު ދުވަހު ކުޅުނު މި މެޗު އެއްްކޮށްކަހަލަ ގޮތަކަށް މި ޕްރައިވެޓް އައިލޭންޑް ޕްރޮމޯޓުކޮށްފައިވެއެވެ. ދަނޑުގެ ވަށައިގެން ޖަހާފައިވާ ބޯޑުތަކުން މި ޕްރައިވެޓް އައިލޭންޑް ޕްރޮމޯޓުކޮށްފައިވާއިރު، ގިނަ ބަޔަކަށް އެންމެ ބޮޑަށް މި ބޯޑުތައް ފާހަގަވެގެންދާނީ މެޗުގައި ލީޑްސް ޖެހި ފުރަތަމަ ގޯލުންނެވެ. ރަފީނިއާ ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ 12 ވަނަ މިނެޓުގައި ޖެކް ހެރިސަން ގޯލު ޖެހި ވަގުތު ދަނޑުގެ ވަށައިގެން ޖަހާފައިވާ ބޯޑުތަކުގައި އިތާފުށި ރިޒޯޓުގެ ޕްރައިވެޓް އައިލޭންޑް ޖަހާފައިވާ ތަން ފެންނަން ހުރެއެވެ.

އިތާފުށި ރިޒޯޓުގެ ޕްރައިވެޓް އައިލޭންޑަކީ ރާއްޖޭގެ ނިސްބަތުން ބަލާއިރު އެންމެ ބޮޑު ޕްރައިވެޓް އައިލޭންޑެވެ. މިތަނުގެ ބޮޑުމިނަކީ 32،000 އަކަމީޓަރެވެ. ތަނުގެ ފެސިިލިޓީތަކަށް ބަލާއިރު ޒަމާނީ ފެންވަރުގެ ގިނަ ހިދުމަތްތަކެއް މިތަނުން ލިބޭގޮތަށް ވަނީ ފަރުމާކޮށްފައެވެ.

ދުނިޔޭގެ މަޝްހޫރު ހިލްޓަންގެ ލަގްޒަރީ ބްރޭންޑްގެ ބައެއް ކަމަށްވާ ވަލްޑޯފް އެސްޓޯރިއާ ހޮޓެލްސް އެންޑް ރިޒޯޓްގެ ދަށުން ރާއްޖޭގައި ހިންގާ އިތާފުށި ރިޒޯޓަކީ އެތައް ގޮތަކުން ފާހަގަކޮށްލެވޭ ރިޒޯޓެކެވެ. ރާއްޖޭގެ ރިޒޯޓުތަކުގެ ތެރެއިން މިދިޔަ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ ވެސް މި ރިޒޯޓުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮންމެ މުވައްޒަފަކަށް މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި 2،433 ޔޫއެސް ޑޮލަރު ދީފައިވެއެވެ.