ކުރިމަގާ މެދު ގޮތެއް ނިންމުމުގެ ކުރިން އަންނަ ސީޒަނުގައި ޗެލްސީގައި ހުންނާނެ ކޯޗަކާއި އަދި އެ ކްލަބުގައި ތިބޭނެ ކުޅުންތެރިން ބަލަން ބޭނުންވާ ކަމަށް އެ ކްލަބަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ވިންގާ އެޑެން ހަޒާޑް ބުނެފިއެވެ.

ޕްރިމިއާ ލީގުގެ ފަސްވަނައިގައި އޮވެ ޗެލްސީ މިދިޔަ ސީޒަން ނިންމާލިއިރު އެ ކްލަބުގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ކުރިމަގާ މެދު ވަނީ ގިނަ ސުވާތަކެއް އުފެދިގެން ގޮސްފައެވެ. އެގޮތުން އަންނަ ސީޒަނުގައި ކޮންޓޭގެ ބަދަލުގައި އާ ކޯޗެއް ޗެލްސީ އަށް އައުމަކީ ވަރަށް ގާތްކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ކޮންޓޭގެ ބަދަލުގައި ޗެލްސީން އަންނަނީ ނަޕޯލީގެ ކުރީގެ ކޯޗު މައުރީޒިއޯ ސާރީ ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

ޕްރިމިއާ ލީގުގެ ގަދަ ހަ ކްލަބުގެ ތެރެއިން މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އަދި އެންމެ ހަރަކާތް މަދު އެއް ކްލަބަކީ ޗެލްސީ ކަމަށްވާއިރު ހަޒާޑް ބުނީ މިދިޔަ ސީޒަން ޗެލްސީ އަށް ދިޔައީ ރަނގަޅު ގޮތަކަށް ނޫން ކަމަށާއި ކުރިމަގާ މެދު ގޮތެއް ނިންމުމުގެ ކުރިން ބަލަން ބޭނުންވާ ބައެއް ކަންކަން އެބަހުރި ކަމަށެވެ.

"އާ ކޯޗެއް ނުވަތަ އާ ކުޅުންތެރިންތަކެއް ގެންނަ ނަމަ އެކަން އެނގިފައި އޮތުމަކީ މުހިއްމު ކަމެއް. އަހަރެން ބަލަން ބޭނުން އަންނަ ސީޒަނުގައި ޗެލްސީގައި ތިބޭނެ ކުޅުންތެރިން. އެކަމަކު މިވަގުތު އަހަރެންގެ ފޯކަސް މިހުރީ ވޯލްޑް ކަޕަށް" ކުރިމަގާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެމުން ބެލްޖިއަމްގެ ކެޕްޓަން ހަޒާޑް ބުންޏެވެ.

ހަޒާޑް އަކީ ޗެލްސީގައި ހުރި އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާއިރު އޭނާ އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ އަދި ދެ އަހަރު އެބައޮތެވެ. ރިޕޯޓުތައް ބުނާގޮތުން ވޯލްޑް ކަޕަށްފަހު ހަޒާޑްގެ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް ޗެލްސީން ފަށާނެއެވެ.

ހަޒާޑްގެ އިތުރުން ޗެލްސީގެ ގޯލްކީޕަރު ތިބޯ ކޯޓުއާ ވެސް މީގެކުރިން ވަނީ ކުރިމަގާ މެދު ގޮތެއް ނިންމުމުގެ ކުރިން މިފަހަރުގެ ޓްރާންސްފާގައި ޗެލްސީ އަށް ގެންނަ ކުޅުންތެރިން ބަލަން ބޭނުންވާ ކަމަށް ބުނެފައެވެ.