ޑެންމާކް (ގުރޫޕް ސީ)

ފީފާ ރޭންކިން: 12
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1986
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2010
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ކުއާޓާފައިނަލް (1998)

ވޯލްޑް ކަޕްގެ ތާރީޙް:

ފީފާ ވޯލްޑް ކަޕަށް އެންމެ ފުރަތަމަ ކޮލިފައިވީ 1986 ވަނަ އަހަރުއެވެ. އެ އަހަރު މެކްސިކޯގައި އޮތް ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރަށް ޑެންމާކް ކޮލިފައިވި އެވެ.

އޭގެ ފަހުން 1998، 2002 އަދި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޑެންމާކް ވާދަކުރިއެވެ. އެގޮތުން 1998ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލްގައި ޑެންމާކް ވަނީ ދަތުރުކޮށްފައެވެ.

މިއީ ޑެންމާކްގެ ފަސް ވަނަ ވޯލްޑް ކަޕެވެ. ރަނގަޅު ކުޅުންތެރިންތަކެއް އުފެއްދި ނަމަވެސް، ޑެންމާކަކީ ގަވައިދުން ވޯލްޑް ކަޕަށް ކޮލިފައިވާ ޤައުމެއް ނޫނެވެ. އެކަމަކު ކޮލިފައިންގައި އެ ޤައުމަކީ އަބަދު ވެސް ރަނގަޅު ވާދައެއް ކުރާ ޤައުމެކެވެ.

ކޯޗު:

ނަން: އަގޭ ހަރެއިޑް
ޤައުމު: ނޯވޭ
އުފަން ތާރީޙް: 23 ސްޕެމްބަރ 1953 (64 އަހަރު)
ޓީމާ ހަވާލުވީ: 2016 ވަނަ އަހަރު

ނޯވޭ އަށް ނިސްބަތްވާ ކޯޗު ހަރެއިޑް އަކީ ސްކެންޑެނޭވިއާ ސަރަހައްދުގައި ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކޯޗެކެވެ.

ކުޅުންތެރިއެއްގެ ގޮތުގައި މެންޗެސްޓާ ސިޓީ އާއި ނޯވިޗް ސިޓީ އަށް ވެސް ކުޅުނު ހަރެއިޑް ވަނީ ކުރިން ނޯވޭގެ ޤައުމީ ޓީމަށް ވެސް ކޯޗުކޮށްދީފަ އެވެ. ނޯވޭގެ ކޯޗުގެ ގޮތުގައި ފަސް އަހަރު ހަރެއިޑް ހޭދަކުރި ނަމަވެސް، ބައިނަލްއަޤުވާމީ މުބާރާތަކަށް ނޯވޭ ކޮލިފައިކޮށްދެވޭ ގޮތެއްނުވި އެވެ.

ބައެއް ކްލަބުތަކުގައި މަސައްކަތްކުރުމަށް ފަހު، ޑެންމާކްގެ ކޯޗުކަމާ ހަރެއިޑް ހަވާލުވީ 2016 ވަނަ އަހަރެވެ. އަދި އޭނާގެ އިރުޝާދުގެ ދަށުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޑެންމާކް ކޮލިފައިވި އެވެ.

މުހިންމު ކުޅުންތެރިން:

ކްރިސްޓިއަން އެރިކްސަން

ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅެމުންދާ ކްރިސްޓިއަން އެރިކްސަން އަކީ ޑެންމާކްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. އަޔަކްސް އިން ޔޫރަޕްގައި ވިދާލި އެރިކްސަން ޓޮޓެންހަމް އަށް ބަދަލުވީ 2012 ވަނަ އަހަރެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުގައި އޭނާ ވަނީ ފެންވަރު ދައްކާލައިފަ އެވެ.

އެރިކްސަން ޑެންމާކްގެ ޤައުމީ ޓީމަށް ކުޅެން ފެށީ 2007 ވަނަ އަހަރެވެ. އަދި އޭގެ ފަހުން މިހާތަނަށް އޭނާ ވަނީ ޑެންމާކްގެ ޤައުމީ ޓީމަށް 75 މެޗު ކުޅެފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ޑެންމާކަށް އެރިކްސަންގެ މުހިންމުކަން ބޮޑެވެ.

ސައިމް ކިޔޭ

ޑެންމާކްގެ ކެޕްޓަން ސައިމް ކިޔޭ އަކީ ޑެންމާކްގެ ޑިފެންސްލައިންގެ މައި ތަނބެވެ. ޔޫރަޕްގެ ގިނަ ލީގުތަކެއްގައި ކުޅެފައިވާ ކިޔޭ، 28، ނެދަލޭންޑްސްގެ ޤައުމީ ޓީމަށް ކުޅެން ފެށީ 2008 ވަނަ އަހަރެވެ. އޭގެ ފަހުން އޭނާ ވަނީ ޑެންމާކްގެ ޤައުމީ ޓީމަށް 70 އަށްވުރެ ގިނަ މެޗު ކުޅެފަ އެވެ.

ޒުވާން އިރު ޔޫރަޕްގެ އެންމެ އުންމީދީ ކުޅުންތެރިންގެ ގޮތުގައި ކިޔޭ ގުނާލެވުނު ނަމަވެސް، އޭނާ އަށް ގިނަ ބަޔަކު އުންމީދު ކުރި ވަރަށް ކްލަބު ކެރިއަރުގައި ކުރިއަށް ނުދެވުނެވެ. އެކަމަކު މި ފަހަރުގެ ވޯލްޑް ކަޕަކީ އޭނާ އަށް ފެންވަރު ދައްކާލަން ލިބޭ ފުރުސަތެކެވެ.