މެކްސިކޯ (ގުރޫޕް އެފް)

ފީފާ ރޭންކިން: 15
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1930
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2014
ކުއާޓާ ފައިނަލް (1986)ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ :

ވޯލްޑް ކަޕްގެ ތާރީޙް:

މެކްސިކޯ އަކީ ވޯލްޑް ކަޕްގައި މިހާތަނަށް 11 ފަހަރު ވާދަކޮށްފައިވާ ޤައުމެކެވެ. މެކްސިކޯ އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކޮށްފައިވަނީ 1930 ގަ އެވެ.

އަދި އޭގެ ފަހުން ޖެހިޖެހިގެން ހަ ފަހަރު މެކްސިކޯ ވޯލްޑް ކަޕަށް ކޮލިފައިވެފައިވެ އެވެ. އެގޮތުން 1970 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާފައިނަލަށް މެކްސިކޯ ދަތުރުކުރި އެވެ. އޭގެފަހުން މެކްސިކޯ ދެން ކޮލިފައިވީ 1978 ވަނަ އަހަރުގެ ވޯލްޑް ކަޕަށެވެ. އެފަހަރު މެކްސިކޯ ވަނީ ގްރޫޕް ސްޓޭޖުން ކަޓާފަ އެވެ. 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް މެކްސިކޯ ވާދަކޮށް ވަނީ ކުއާޓާފައިނަލަށް ދަތުރުކޮށްފައެވެ.

އަދި 1994 ވަނަ އަހަރުން ފެށިގެން ބޭއްވި ހުރިހާ ވޯލްޑް ކަޕެއްގައި ވެސް މެކްސިކޯ ވާދަކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ. އެ ހުރިހާ މުބާރާތަކުން ވެސް މެކްސިކޯ ކަޓާފައިވަނީ ދެވަނަ ބުރުންނެވެ.

ކޯޗު

ނަން: ހުއާން ކާލޮސް އޮސޯރިއޯ
ޤައުމު: މެކްސިކޯ
އުފަން ތާރީޙް: 8 ޑިސެމްބަރ 1964 (54 އަހަރު)
ޓީމާ ހަވާލުވީ: 2015 ވަނަ އަހަރު

މެކްސިކޯގެ ގައުމީ ޓީމާއި ހަވާލުވުމުގެ ކުރިން ކާލޮސް ވަނީ ދެކުނު އެމެރިކާ އަދި އުތުރު އެމެރިކާގެ ގިނަ ކްލަބުތަކަކަށް ކޯޗުކޮށް ދީފަ އެވެ. އެގޮތުން ކާލޮސް ކޯޗުކޮށްދިން ފާހަގަކޮށްލެވޭ ކްލަބުތަކުގެ ތެރޭގައި ބްރެޒިލްގެ ސައޮޕާލޯ އާއި ކޮލަމްބިއާގެ އެތްލެޓިކޯ ނަސިއޮނާލްގެ އިތުރުން އެމެރިކާގެ ނިއުޔޯކް ރެޑްބުލްސް ފާހަގަކޮށްލެވެ އެވެ. މީގެއިތުރުން ކާލޮސް ވަނީ 2001 އިން 2005 ވަނަ އަހަރުގެ ނިޔަލަށް މެންޗެސްޓަރ ސިޓީގެ އެސިސްޓެންޓް ކޯޗުކަމުގެ މަގާމު ވެސް އަދާކޮށްފައެވެ.

ކާލޮސް މެކްސިކޯގެ ކޯޗުކަމާ ހަވާލުވީ 2015 ވަނަ އަހަރު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ކާލޮސް އަކީ ފާއިތުވި 12 އަހަރުތެރޭ މެކްސިކޯގެ ކޯޗުކަމާއި ހަވާލުވި 9 ވަނަ ފަރާތެވެ.

މުހިންމު ކުޅުންތެރިން:

ހާވިއޭ ހަނާންޑޭޒް

މެންޗެސްޓަރ ޔުނައިޓެޑާއި ރެއާލް މެޑްރިޑަށް ކުޅެފައިވާ ހާވިއޭ ހަނާންޑޭޒް އަކީ މެކްސިކޯގެ ކުރީގައި ހަރަކާތްތެރިވާނެ އެންމެ މުހިއްމު ކުޅުންތެރިއާއެވެ. 2009 ވަނަ އަހަރުން ފެށިގެން މެކްސިކޯގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ހަނާންޑޭޒް އަކީ މެކްސިކޯގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިއާ އެވެ.

ހަނާންޑޭޒް ވަނީ މެކްސިކޯގެ ގައުމީ ޓީމަށް 100 މެޗު ކުޅެދީ 49 ލަނޑު ކާމިޔާބުކޮށްދީފަ އެވެ. ހަނާންޑޭޒް މިހާރު ކުޅެމުން އަންނަނީ ވެސްޓްހަމް ޔުނައިޓެޑަށެވެ.

ކާލޯސް ވެލާ

އުމުރުން 29 އަހަރުގެ ކާލޯސް ވެލާ އަކީ ހަނާންޑޭޒް ނެގުމަށްފަހު މެކްސިކޯގެ ކުރީގައި ހަރަކާތްތެރިވާނެ އެންމެ މުހިއްމު ކުޅުންތެރިއާ އެވެ. އާސެނަލް އާއި އޮސަސޫނާ އާއި ވެސްޓްބްރޮމް އަދި ރެއާލް ސޮސިއެޑާޑް އަށް ކުޅެފައިވާ ވެލާ މެކްސިކޯގެ ގައުމީ ޓީމަށް ކުޅެން ފެށީ 2007 ވަނަ އަހަރުއެވެ.

ވެލާ ވަނީ މިހާތަނަށް މެކްސިކޯގެ ގައުމީ ޓީމަށް 63 މެޗު ކުޅެދީ 18 ގޯލު ކާމިޔާބުކޮށްފައެވެ. ވެލާ މިހާރު ކުޅެމުން އަންނަނީ އެމެރިކާގެ ލީގުގެ ކްލަބެއް ކަމަށްވާ ލޮސް އެންޖެލެސް އެފްސީ އަށެވެ.