ފީފާ އާއި ޔުއެފާ އަށް “ސުޕަރ ލީގު“ ނުހުއްޓުވޭނެ ކަމަށް ސްޕެއިންގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

އެގޮތަށް ސްޕެއިންގެ ކޯޓުން ހުކުމް ކުރުމާއި ގުޅިގެން ސުޕަ ލީގުގައި ބައިވެރިވާން ނިންމި ޔޫރަޕްގެ ގިނަ ކްލަބްތަކަށް ވަނީ އެ ކްލަބްތަކުން ކުރަމުން އަންނަ މަސައްކަތަށް އިތުރު ބާރެއް ލިބިފައެވެ.

ފީފާ އާއި ޔުއެފާއިން “ސުޕަރ ލީގު“ ހުއްޓުވުމަށް ބުނެފައިވަނީ ޗެމްޕިއަންސް ލީގަށްވުރެ ކުރިއަށް އެ މުބާރާތް ގޮސްދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ރިޕޯޓްތަކުން ބުނެފައެވެ.

އެހެންނަމަވެސް މެޑްރިޑްގައި ހުންނަ ކޯޓަކުން ބުނެފައިވަނީ އެ މައްސަލަ ބަލައި ނިމެންދެން ޔުއެފާ އަދި ފީފާއަށް ވެސް އެފަދަ މުބާރާތަކަށް ބާރު ފޯރުވައި ހުއްޓުވުމުގެ ބާރެއް ނޯންނާނެ ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ޓީމުތަކުގެ ތެރޭގައި ސްޕެއިން، އިނގިރޭސި، އަދި އިޓަލީގެ ބޮޑެތި ކުލަބުތައް ހިމެނެއެވެ. މި ކުލަބުތައް ބައިވެރިވާން ނިންމި ނަމަވެސް އެ ގައުމުތަކުގެ ފުޓުބޯޅަ އިދާރާތަކުން ވަނީ މިކަމާއި ދެކޮޅަށް ވާހަކަދައްކާފައެވެ.

ސުޕަ ލީގު ބާއްވަން އެއްބަސްވި ކުލަބުތައް

1- މެންޗެސްޓަރ ޔުނައިޓެޑް (އިންގްލޭންޑް)

2- ޗެލްސީ (އިންގްލޭންޑް)

3- ލިވަޕޫލް (އިންގްލޭންޑް)

4- މެންޗެސްޓަރ ސިޓީ (އިންގްލޭންޑް)

5- އާސެނަލް ( އިންގްލޭންޑް)

6- ޓޮޓެންހަމް ( އިންގްލޭންޑް)

7- ރެއާލް މެޑްރިޑް (ސްޕެއިން)

8- ބާސެލޯނާ ( ސްޕެއިން)

9- އެތްލެޓިކޯ މެޑްރިޑް (ސްޕެއިން)

10- އިންޓަ މިލާން (އިޓަލީ)

11- އޭސީ މިލާން (އިޓަލީ)

12- ޔުވެންޓަސް (އިޓަލީ)

ސުޕަ ލީގުގެ އިސްވެރިން ބޭނުންވަނީ މި މުބާރާތް ބޭއްވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ޔުއެފާ އާއި ފީފާއާއެކު މަޝްވަރާކުރުމަށެވެ. މި މުބާރާތުގެ ކަންކަން ފޯރީގައި އަވަސް އަރުވާލައިގެން އުޅެނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފޯމެޓަށް ބަދަލުތަކެއް ގެންނަން މަސައްކަތްކުރާ ދަނޑިވަޅެއްގައެވެ.

މި ލީގު ފަށަން މަސައްކަތްކުރަނީ ހަ ބިލިއަނުގެ އިންވެސްޓްމަންޓް އަކުންނެވެ. މި ފައިސާ ހަމަޖެއްސީ އެެމެރިކާގެ އިންވެސްޓްމަންޓް ބޭންކް ޖޭޕީ މޯގަން އިންނެވެ. މި ފައިސާ އެ ކުލަބުތަކަށް ހަމަހަމައަށް ބެހުމަށް ނިންމާފައިވާ ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.