ކުރިމަގާ މެދު ގޮތެއް ނިންމާފައިވާ ކަމަށް އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރިޒްމަން ބުނެފިއެވެ.

ގްރިޒްމަން މިހެން ބުނެފައިވާއިރު އޭނާ ގެނައުމަށް ބާސެލޯނާ އިން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަނެއްކޮޅުން ގްރިޒްމަން ކްލަބުގައި މަޑުކުރުވުމަށް އެތްލެޓިކޯ އިން އޮތީ ބޮޑު މުސާރައެއް އޭނާ އަށް ހުށަހަޅަން ތައްޔާރަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ފްރާންސްގެ ގައުމީ ޓީމާއެކު މިވަގުތު ރަޝިޔާގައި ގްރިޒްމަން ހުރިއިރު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވަނީ ކުރިމަގާ މެދު ގޮތެއް ނިންމާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެ ނިންމުން އަދި ހާމަކުރަން ބޭނުން ނުވާ ކަމަށް ގްރިޒްމަން ބުންޏެވެ.

"އަހަރެން ކުރިމަގާ މެދު ގޮތެއް ނިންމައިފިން. އެކަމަކު އެކަމާ ގުޅޭގޮތުން މިއަދު އަހަރެން ވާހަކައެއް ނުދައްކާނަން. މިއީ އެކަމަށް އަދި އެންމެ ރަނގަޅު ވަގުތެއް ނޫން" ގްރިޒްމަން ބުންޏެވެ.

ގްރިޒްމަން ގެންނަން ބާސާ އިން މިފަހަރު ޝައުގުވެރިވާއިރު މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި އޭނާ ގެންނަން މެންޗެސްޓަރ ޔުނައިޓެޑުން ޝައުގުވެރިވިއެވެ. އެފަހަރު ޔުނައިޓެޑަށް ބަދަލުވުމާ ގާތަށް ގްރިޒްމަން ދިޔަ ނަމަވެސް ފަހުވަގުތު އޭނާ އެތްލެޓިކޯގައި މަޑުކުރީ ކުޅުންތެރިން ނުގެނެވޭ ގޮތަށް ފީފާ އިން އެތްލެޓިކޯ އަށް ދިން އަދަބެއްގެ ސަބަބުންނެވެ.

2014 ވަނަ އަހަރު އެތްލެޓިކޯ އާއި ގުޅުނު ގްރިޒްމަން އަކީ އެޓީމުގެ ކުރީގައި މުހިއްމު ދައުރެއް އަދާކުރަމުންދާ ކުޅުންތެރިއެކެވެ. އެގޮތުން ގްރިޒްމަން ވަނީ މިދިޔަ ސީޒަނުގައި އެތްލެޓިކޯ އަށް ކުޅުނު 49 މެޗުގައި 29 ގޯލު ކާމިޔާބުކޮށްފައެވެ.

ގްރިޒްމަން އެތްލެޓިކޯ އާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން ބާކީ އަދި ހަތަރު އަހަރު އެބައޮތެވެ.