މިދިޔަ ސީޒަނުގައި ބާސެލޯނާއިން ފެށިގެން ލޯނު ޓްރާންސްފާއެއްގައި އެޓްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އެންޓޮނިއޯ ގްރީޒްމަން ރަސްމީކޮށް އެޓްލެޓިކޯއަށް ސޮއިކޮށްފިއެވެ.

ގްރީޒްމަން އެޓްލެޓިކޯއާއެކު ހަދާފައިވާ އެއްވަސްވުން ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހަށެވެ.

މިދިޔަ ސީޒަނުގެ ޓްރާންސްފާ މާކެޓުގެ ފަހު ވަގުތުގައި ގްރީޒްމަން އޭނާގެ ކުރީގެ ކުލަބް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު ފަހު ކޮޅުގައެވެ. ގްރީޒްމަން އެތުލެޓިކޯއަށް ބަދަލުވީ ލޯނު އުސޫލުގެ ދަށުން ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތު ހަމަވުމުން ގްރީޒްމަން ގަތުމުގެ ފުރުސަތު އެތުލެޓިކޯއަށް ވަނީ ލިބިފައެވެ.

މިއަދު އެޓްލެޓިކޯގެ އޮފިޝަލް ޕޭޖުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ގްރީޒްމަން އެކުލަބަށް ރަސްމީކޮށް ގުޅުނު ކަމަށެވެ. އުމުރުން 31 އަހަރުގެ ފްރާންސްގެ ތަރި ގްރީޒްމަންއަށް 20 މިލިއަން ޔޫރޯ އެޓްލެޓިކޯ އިން ދިނުމަށް ވަނީ ނިންމާފައެވެ.

އެޓްލެޓިކޯގައި ގްރީޒްމަން ހަތް ސީޒަނެއްގައި ކުޅެފައިވާއިރު ގްރީޒްމަން ވަނީ 403 މެޗު ކުޅެގެން 144 ގޯލު އެޓީމަށް ކާމިޔާބުކޮށްދީފައެވެ.

ބާސެލޯނާއިން ލޯނު އުސޫލުން ގްރީޒްމަން ދޫކޮށްލަން ނިންމީ އެޓީމުގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކަ އެވެ. ކުޅުންތެރިންގެ މުސާރައިގެ ގޮތުގައި ބޮޑު ހަރަދެއް ކުރަން ޖެހުމުން އެޓީމުގެ ހަރަދުތައް ވަނީ އިންތިހާ އަށް މައްޗަށް ގޮސްފަ އެވެ. އެހެންކަމުން އެޓީމުން ވަނީ ގިނަ ކުޅުންތެރިންތަކެއް ވިއްކާލަން މަސައްކަތް ކޮށްފަ އެވެ.

ހަރަދުތައް ކުޑަ ކުރުމަށް ބާސާއިން ގްރީޒްމަން ވިއްކާލިއިރު، އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނޭ ހުރީ ގްރީޒްމަންގެ ބޭނުން ވަރަށް ބޮޑުވެފަ އެވެ. ގްރީޒްމަން އެތުލެޓިކޯ ދޫކޮށް ބާސެލޯނާ އާއި ގުޅުނީ 2014 އިން 2019 އަށް އެތުލެޓިކޯގައި ކުޅުމަށްފަހު އެވެ. އެތުލެޓިކޯއިން ވިދާލި ގްރީޒްމަން ވަނީ އެ ކުލަބުގައި 180 މެޗު ކުޅެ 94 ގޯލު ޖަހާފަ އެވެ.

ބާސާއަށް ބަދަލުވެ ގްރީޒްމަން ވަނީ 74 މެޗުގައި 22 ގޯލު ކާމިޔާބު ކޮށްދީފަ އެވެ.