ޔޫރަޕުގައި ބާއްވާ އެންމެ ޝަރަފުވެރި މުބާރާތް، ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑުން އަމިއްލަ ދަނޑުގައި ބަޔާ ލެވަކޫސަންއާ ކުޅުނު މެޗު އެއްވަރުވެ މުބާރާތުން ކެޓިއިރު، އަޔަކްސް ބަލިކޮށް ލިވަޕޫލުން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ބެލްޖިއަމްގެ ކްލަބް ބްރޫޖް އަތުން ޕޯޓޯ ވަނީ 4-0 އިން މޮޅުވެ، ގްރޫޕް ބީގެ ދެ ވަނަ ޖާގަ ހޯދައި އަނެއް ބުރުގެ ޖާގަ ޔަގީންކޮށްފައެވެ. މި ގްރޫޕްގެ އެއް ވަނައިގައި ބްރޫޖް އޮތީ ފަސް މެޗުން 10 ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި އޮތް ޕޯޓޯ އަށް ފަސް މެޗުން ނުވަ ޕޮއިންޓް ލިބުނުއިރު، އެތުލެޓިކޯ އަށް ފަސް މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ.

ޕޯޓޯ އާއި ކްލަބް ބުރޫޖް ބައްދަލުކުރި މެޗުގައި ޕޯޓޯއަށް އެންމެ ފުރަތަމަ ލީޑު ނަގައިދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި މެހްދީ ޓަރޭމީއެވެ. އެގޯލަށް ފަހު ބުރޫޖުން ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި ނަމަވެސް ޕޯޓޯގެ ޑިފެންޑަރު ފަބިއޯ ކޯޑޯސޯ ވަނީ އެހަމަލާތައް ހުއްޓުވާފައެވެ. މެޗުގެ 51 ވަނަ މިނެޓުގައި ބުރޫޖަށް ނަތީޖާ ހަމަހަމަ ކުރުމަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް ނައޯ ލަންގް ފޮނުވާލި ހަމަލާ ވަނީ ނާކާމިޔާބު ވެފައެވެ. ޕޯޓޯގެ ދެވަނަ ގޯލު މެޗުގެ 57 ވަނަ މިނެޓުގައި އެވަނިލްސަން ޖެހިއެވެ. އޭގެ ތިން މިނެޓު ފަހުން ޕޯޓޯގެ ތިން ވަނަ ގޯލު ޖެހީ އެސްޓަކިއޯއެވެ. އެޓީމުގެ ފަހު ގޯލު ޖެހީ ރޭގެ މެޗުގައި އެޓީމަށް އެންމެ ފުރަތަމަ ލީޑު ނަގައިދިން ޓަރޭމީ މެޗުގެ 70 ވަނަ މިނެޓުގައެވެ.

އެތުލެޓިކޯ އާއި ބަޔާ ލެވަކޫސަން ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އެންމެ ފުރަތަމަ ލީޑު ނެގީ ލެވަކޫސަން އިންނެވެ. މިއީ އެޑަމް ހިއޮޒެކް ދިން އެސިސްޓަކުން މޫސާ ޑިއާބޯ ގޯލަށް ފޮނުވާލި ރީތި ހަމަލާއެކެވެ. އެތުލެޓިކޯ އިން ޓީމު ކުރިއަށް ޖައްސައިގެން ކުޅެ، މެޗުގެ 22 ވަނަ މިނެޓުގައި ޔަނިކް ކަރާސްކޯ ވަނީ އެތުލެޓިކޯ އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ފުރަތަމަ ހާފުގައި ލެވަކޫސަންއަށް އުންމީދު އާކޮށްދިނީ ނަޑީމް އަމިރީ ދިން ޕާހަކުން ކަލެމް ހުޑްސަންއެވެ. މެޗުގެ 50 ވަނަ މިނެޓްގައި ރޮޑްރީގޯ ޑި ޕޯލް އޭރިއާ ރޮނގުކައިިރިން ޖެހި ގޯލުން އެތުލެޓިކޯ އެއްވަރުކުރިއިރު، މެޗުން މޮޅުވާން އެ ޓީމަށް އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ ކަރާސްކޯ އަތުން ވަނީ ނާކާމިޔާބުވެފައެވެ.

ލިވަޕޫލާއި އަޔަކްސް ބައްދަލު ކުރި މެޗު ލިވަޕޫލުން ކާމިޔާބު ކުރީ 0-3 ގެ ނަތީޖާއިންނެވެ. މި މެޗުގައި ލިވަޕޫލަށް އެންމެ ފުރަތަމަ ލީޑު ނަގައިދިނީ އެޓީމުގެ އެންމެ އިތުބާރު ފޯވާޑް މުހައްމަދު ސަލާހު މެޗުގެ 42 ވަނަ މިނެޓުގައެވެ. ލިވަޕޫލްގެ ދެވަނަ ގޯލު ޑާވިން ނުނޭޒް ކާމިޔާބުކޮށްދިނީ އަންޑްރޫ ރިބާޓްސަންގެ އެހީތެރިކަމާއެކު ދެވަނަ ހާފުގެ 49 ވަނަ މިނެޓުގައެވެ. އަޔަކްސް އިން ދެވަނަ ހާފުގައި އެޓޭކް ކުރި ނަމަވެސް ލިވަޕޫލްގެ ޑިފެންޑަރު އަލެކްސެންޑްރާ އާނޯޑް ވަނީ ހުއްޓުވާފައެވެ. މެޗުގެ 52 ވަނަ މިނެޓުގައި ލިވަޕޫލްގެ ތިން ވަނަ ގޯލު ކާމިޔާބު ކޮށްދިނީ ހާވީ އެލިއެޓްއެވެ.

ގުރޫޕް އޭގައި ހިމެނިފައި އޮތް ލިވަޕޫލް މެޗު ކާމިޔާބުކޮށް އެޓީމު ވަނީ ކުޅުނު ފަސް މެޗުން 12 ޕޮއިންޓް ހޯދާ ދެވަނަ ބުރުގެ ޖާގަ ޔަގީންކޮށްފައެވެ. މި ގުރޫޕްގެ އެއް ވަނައިގައި އޮތީ ރޭންޖާސް އަތުން 3-0 އިން މޮޅުވެ، ފަސް މެޗުން 15 ޕޮއިންޓް ހޯދައި ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އޮތް ނަޕޯލީއެވެ.