އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ސްޓްރައިކަރ އަލްވަރޯ މޮރާޓާ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން އާކުރުމަށް ނިންމައިފިއެވެ.

މީޑިއާ ރިޕޯޓުތަށް ބުނާ ގޮތުން އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ މި ސީޒަނުގެ ނިޔަލަށެވެ. ނަމަވެސް އެތުލެޓިކޯއާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހު މިހާރު އޭނާ އެއްބަސްވުން އައުކުރުމަށް ނިންމާފައިވާ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.

މޮރާޓޯ އެތްލެޓިކޯ މެޑްރިޑާއި އެކު ހަދާފައިވާ އެއްބަސްވުން އާ ކުރުމަށް ނިންމާފައި ވަނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މޮރާޓާގެ އެއްބަސްވުން އާކުރުމަށް އެތުލެޓިކޯއިން ކުރަންޖެހޭ އެންމެހައި ކަންކަން އެ ކުލަބުން މިހާރު ފުރިހަމަކޮށްފައި ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި މޮރާޓާ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.

2020 ވަނަ އަހަރު ޗެލްސީން ލޯނު އެއްބަސްވުމެއްގެ ދަށުން އެތްލެޓިކޯއާއި ގުޅުނު މޮރާޓޯ މިހާތަނަށް އެކުލަބަށް ވަނީ 85 މެޗު ކުޅެދީފައެވެ. އަދި 85 މެޗުން 31 ގޯލުވެސް ވަނީ ކާމިޔާބުކޮށްދީފައެވެ. 2020 ވަނަ އަހަރުން 2022 ވަނަ އަހަރަށް އިޓަލީގެ ޔުވެންޓަސްގައި ވެސް ލޯނު އެއްބަސް ވުމެއްގެ ދަށުން އޭނާ ވަނީ ކުޅެދީފައެވެ

2014 ވަނަ އަހަރުން ފެށިގެން ސްޕެއިންގެ ގައުމީ ޓީމަށްވެސް ކުޅެމުން އަންނަ މޮރާޓޯ ވަނީ މިހާތަނަށް 62 މެޗުން 30 ގޯލު ކާމިޔާބުކޮށްދީފައެވެ. އެތްލެޓިކޯ މެޑުރިޑާއި އެކު އަދި ބޮޑު ކާމިޔާބީއެއް ނުހޯދުން ނަމަވެސް ރިއަލް މެޑުރިޑުގައި ކުޅެމުން އޭނާ ވަނީ ޗެމްޕިއަންސް ލީގު، ލަލީގާ އަދި ކޮޕަރ ޑެލްރޭ ދެފަހަރު ހޯދާފައެވެ. އަކި ފީފާ ކުލަބް ވޯލްޑް ކަޕުވެސް ވަނީ ކާމިޔާބުކޮށްފައެވެ.