ޕޯލް ލަބީލޭ ޕޮގްބާ

އުފަން ތާރީޙް: 15 މާޗް 1993 (އުމުރު 25 އަހަރު)
އުފަން ޤައުމު: ފްރާންސް
ކުޅޭ މަޤާމް: މިޑްފީލްޑަރު
ކްލަބް: މެންޗެސްޓާ ޔުނައިޓެޑް (އިންގްލެންޑް)
ޤައުމީ ޓީމަށް ކުޅެން ފެށީ: 2013 ވަނަ އަހަރު

ޕޯލް ޕޮގްބާ އަކީ ފަހުގެ ތާރީހެއްގައި އެންމެ ބޮޑަށް ވިދާލި ފްރާންސްގެ ކުޅުންތެރިޔާ އެވެ. މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅެތި މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ޕޮގްބާ އަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ފްރާންސްގެ ޓީމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވޭ ކުޅުންތެރިޔެކެވެ.

ފްރާންސްގެ ލެހާވްގެ އެކެޑަމީ ޓީމުގައި ޕޮގްބާ ކުޅެނިކޮށް، އިންގްލެންޑް އެންމެ ބޮޑު އެއް ކްލަބް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑްގެ ސަމާލުކަން އޭނާ އަށް ލިބުނެވެ. އޭރުވެސް ޕޮގްބާ އަކީ އަކީ ފްރާންސްގެ 16 އަހަރުން ދަށުން ޓީމުގެ ކުޅުންތެރިޔެކެވެ. ޔުނައިޓެޑް އިން ލިބުނު ހުށަހެޅުން ޤަބޫލްކޮށް ޔުނައިޓެޑްގެ ޔޫތު ޓީމާ ޕޮގްބާ ގުޅުނީ 2009 ވަނަ އަހަރެވެ.

ޔުނައިޓެޑްގެ ސީނިއާ ޓީމުން ޕޮގްބާ އަށް ޖާގަ ލިބުނީ 2011 ވަނަ އަހަރެވެ. އެކަމަކު ޔުނައިޓެޑްގެ ސީނިއާ ޓީމުން ޕޮގްބާ އަށް ލިބުނީ މަދު ފުރުސަތެކެވެ.

ޔުނައިޓެޑުން ލިބޭ ފުރުސަތުތައް މަދުވުމުން، ޕޮގްބާ ވަނީ 2012 ވަނަ އަހަރު އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވެފަ އެވެ. ޔުވެންޓަސް އަށް ޕޮގްބާ ބަދަލުވީ ޔުނައިޓެޑް އިން ހުށަހެޅި ކޮންޓްރެކްޓަކަށް ފުރަގަސްދީފަ އެވެ. ޕޮގްބާގެ ފެންވަރު ފެނިގެންދިޔައީ ޔުވެންޓަސްގަ އެވެ.

ޔުވެންޓަސްގައި ޕޮގްބާ ވަނީ އޭނާގެ ފެންވަރު ސާބިތުކޮށް، ޔޫރަޕްގެ އެންމެ ފާހަގަކޮށްލެވޭ މިޑްފީލްޑަރުންގެ ތެރޭގައި ހިމެނިފަ އެވެ. ދުނިޔޭގެ ބޮޑެތި ކްލަބުތަކުގެ ސަމާލުކަން ޕޮގްބާ އަށް ލިބުނު ނަމަވެސް، 2016 ވަނަ އަހަރު އޭނާ ވަނީ އެނބުރި ޔުނައިޓެޑަށް ބަދަލުވެފަ އެވެ. ޔުނައިޓެޑަށް ޕޮގްބާ އެނބުރި ދިޔައީ އޭރު ދުނިޔޭގެ ރެކޯޑް ޓްރާންސްފާ ފީއަކަށެވެ.

ފްރާންސްގެ ޤައުމީ ޓީމަށް ޕޮގްބާ ކުޅެން ފެށީ 2013 ވަނަ އަހަރުން ފެށިގެންނެވެ. އެކަމަކު އޭގެ ކުރިން ވެސް އޭނާ ވަނީ ފްރާންސްގެ އެކި އުމުރު ފުރާތަކުގެ ޔޫތު ޓީމުތަކަށް ކުޅެފަ އެވެ.

ފްރާންސް ޓީމާއެކު ޕޮގްބާގެ ފުރަތަމަ ވޯލްޑް ކަޕަކަށްވީ 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް މުބާރާތެވެ. އެ މުބާރާތުގައި ޕޮގްބާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަޤާމު ލިބުނީ ޕޮގްބާއަށެވެ،

އަމިއްލަ ޤައުމުގައި 2016 ވަނަ އަހަރު އޮތް ޔޫރޯ އަށް ފްރާންސް ކުރިމަތިލިއިރު، ޕޮގްބާ ވެގެންދިޔައީ ފްރާންސްގެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއަށެވެ. ފްރާންސް ފައިނަލަށް ގެންގޮސްދިނުމުގައި ޕޮގްބާ މުހިންމު ދައުރެއް އަދާކުރި ނަމަވެސް، ހިތްދަތި ގޮތަކަށް ފްރާންސް ވަނީ ފައިނަލްގައި ޕޯޗުގަލް އަތުން ބަލިވެފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕަށް ކުރިމަތިލާއިރު، ޕޮގްބާ އަށް ވަނީ ގިނަ ތަޖުރިބާތަކެއް ލިބިފަ އެވެ. މޮޅެތި، ޒުވާން ކުޅުންތެރިންތަކެއްގެ މައްޗަށް ބިނާވެފައި އޮތް ފްރާންސްގެ ޓީމުގައި މި ފަހަރު ވެސް ޕޮގްބާގެ ދައުރު ބޮޑުވާނެ އެވެ.

އެނގޭތަ ؟

ގިނީގެ ދެމަފިރިންގެ ދަރިއެއް ކަމަށްވާ ޕޮގްބާ އަކީ މުސްލިމެކެވެ. އޭނާގެ ދޮއްޓަށް ހުންނަ އެއްމާބަނޑު ދެ ބޭބެ އަކީ ވެސް ފުޓްބޯޅަ ކުޅުންތެރިނެނެވެ. އޭގެ ތެރެއިން ފްލޮރިން ކުޅެނީ ފްރާންސްގެ ސެން އެޓިއެންއަށެވެ. އަދި މަތިއަސް ކުޅެނީ ނެދަލޭންޑްސްގެ ސްޕާޓާ ރޮޓެޑާމަށެވެ.