ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑް ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަ ޗެލްސީ ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުގެ ޖާގަ ޗެލްސީ ހޯދީ ސެމީފައިނަލުގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑް 2-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި ދެ ޓީމުގެ ފުރަތަމަ ލެގު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެހެންކަމުން ޗެލްސީ ފައިނަލަށް ދިޔައީ 3-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގައި ރެއާލް މެޑްްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ކުޅުނެވެ. ނަމަވެސް އަނިޔާގެ ސަބަބުން ދިގު މުއްދަތެއްގައި ކުޅުމާ ދުރުގައި ހުރުމަށްފަހު އެނބުރި އައި މެޗުގައި އޭނާއަށް މާބޮޑު ކުޅުމެއް ނުދެއްކުނެވެ.

މިއީ ޗެމްޕިއަންސް ލީގުގެ ފައިނަލަކަށް ޗެލްސީ ދަތުރުކުރި ތިންވަނަ ފަހަރެވެ. 2008 ވަނަ އަހަރުގެ ފައިނަލުގައި ބަލިވީ މެންޗެސްޓަރ ޔުނައިޓެޑާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ. އަދި 2012 ވަނަ އަހަރުގެ މުބާރާތް އެ ޓީމު ކާމިޔާބުކުރީ ބަޔާން މިއުނިކް އާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ.

މިމެޗުގައި ޗެލްސީގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައެވެ. ކައި ހަވެޓްޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ކާމިޔާބުކުރީ ޓިމޯ ވާނާ އެވެ. ޗެލްސީގެ ދެވަނަ ލަނޑު 85 ވަނަ މިނެޓުގައި ކާމިޔާބުކުރީ މޭސަން މައުންޓް އެވެ. އޭނާ މި ލަނޑު ޖެހީ ކްރިސްޓިއަން ޕުލިސިޗް ދިން ބޯޅައަކުންނެވެ.

ޗެލްސީއާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރާ މެޗު ކުޅޭނީ ތުރުކީގެ އިސްތަމްބުލް ގައެވެ. މި ފައިނަލް މެޗު އޮންނާނީ މެއި 29 ގައެވެ.