ހުކުރު ދުވަހުގެރޭ މިސްރު އަދި އުރުގުއޭ ބައްދަލު ކޮށް 0-1ގެ ނަތީޖާ އަކުން މިސްރު ބަލިވި މެޗުގައި އެޓީމްގެ ފޯވާޑް މުޙައްމަދު ސަލާހު ނުކުޅުނީ ކީއްވެކަން މިސްރުގެ ކޯޗު ހެކްޓާ ކޫޕާ ބުނެދީފިއެވެ.

މިސްރު ބަލިވިއިރު މެޗު ނިމިގެން ދިޔައީ އެޓީމުގެ ތަރި މުހައްމަދު ސަލާހު ބެންޗުގައި ހުރެގެންނެވެ. މިދިޔަ މަހު ޗެމްޕިއަންސް ލީގު ފައިނަލުގައި ރިއަލް މެޑްރިޑު އަދި ލިވަޕޫލް ބައްދަލު ކުރި މެޗުގައި ސަލާހުގެ ކޮނޑަށް ލިބުނު އަނިޔާ އިން އޭނާ މުޅިން ފިޓު ނުވާކަމަށް ރިޕޯޓު ތަކުން ބުނެއެވެ.

" މުހައްމަދު ސަލާހު އަކީ އަހަރެމެންގެ ޓީމަށް ވަރަށް މުހިއްމު ކުޅުންތެރިއެއް، އެއީ އެއްވެސް މީހަކަށް ދޮގު ކުރެވޭނެ ވާހަކައެއް ނޫން. ނަމަވެސް މެޗުގައި ކުޅެން ޖެހޭނީ ރަނގަޅު ޓީމެއް. ސަލާހު ދަނޑު މަތީގައި ކުޅުނު ނަމަ މެޗުގެ ނަތީޖާ ތަފާތު ވެދާނެ، ނަމަވެސް އެއްވެސް މީހަކަށް ވާނެ ގޮތެއް ނޭންގޭނެ. ސަލާހު ވަނީ ޓީމަށް ވަރަށް ގިނަ ކަންތައް ކޮށްދީފައި އަަދި ކުރިޔަށް ހުރި މެޗު ތަކުގައި އޭނާ ފެންނާނެ" މިސްރުގެ ކޯޗު ހެކްޓާ ކޫޕާ ބުންޏެވެ.

މީގެ އިތުރުން ކޫޕާ ބުނެފައި ވަނީ އުރުގުއޭ މެޗުގައި ސަލާހު ބޭނުން ކޮށްފައި ނުވަނީ ލިބިދާނެ އިތުރު އަނިޔާ އަކަށް ބަލާފައި ކަމަށެވެ. ނަމަވެސް ދެން އަންނަ މެޗެއްގައި އޭނާ ފެންނާނެ ކަމަށްވެސް ކޫޕާ ބުންޏެވެ.

މެޗުގެ 89 ވަނަ މިނެޓުގައި އުރުގުއޭގެ ޑިފެންޑަރު ހޯސޭ ގިމެނޭޒް ބޮލުން ގޯލް ކާމިޔާބު ކޮށްދިން އިރު މިމެޗަކީ 1990 އަށް ފަހު މިސްރު ވޯލްޑް ކަޕެއްގައި ކުޅުނު ފުރަތަމަ މެޗެވެ. ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މިސްރު ބައްދަލު ކުރާނީ 0-5 ގެ ނަތީޖާ އަކުން ސައުދީ ބަލިކުރި ރަޝިޔާ އާއިއެވެ.