މެންޗެސްޓަރ ސިޓީ ދޫކޮށްލަން ތައްޔާރުވާ އާޖެންޓީނާގެ ތަރި ސާޖިއޯ އަގުއެރޯ ދެން ފެނުން އެންމެ ގާތީ ސްޕެއިންގެ ބާސެލޯނާއިން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުން އުމުރުން 32 އަހަރުގެ އަގުއެރޯއާއެކު ބާސާއިން ވަނީ އެއްބަސްވުމަކަށް ގޮސްފައެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން އަގުއެރޯ ބާސެލޯނާއަށް ގެންނަނީ މެސީގެ ނުފޫޒެއް އޮވެގެންނެވެ.

މެންޗެސްޓަރ ސިޓީއާއެކު އަގުއެރޯ ހަދާފައިވާ އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާނެއެވެ. އޭނާގެ އެއްބަސްވުން އާކުރުމާއި މެދު މިހާތަނަށް ސިޓީން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. ނަމަވެސް އަގުއެރޯ ވަނީ ސިޓީ ދޫކޮށްލަން ނިންމިކަން ދާދިފަހުން ހާމަކޮށްފައެވެ.

ބާސެލޯނާގެ އިސްވެރިންނާއެކު އަގުއެރޯ ދާދިފަހުން މަޝްވަރާތަކެއް ކުރިކަމަށް ބަައެއް ރިޕޯޓުތައް ބުނެއެވެ. މި ވާހަކަތަކުން އަގުއެރޯ އާއި ބާސެލޯނާއިން އެއްބަސްވީ ދެ އަހަރުދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށެވެ. ރިޕޯޓުތައް ބުނާގޮތުން އަގުއެރޯއާއެކު ބާސެލޯނާއިން އެއްބަސްވުމުގައި ސޮއިކުރާނީ މި މަހުގެ 29 ވަނަ ދުވަހު ސިޓީން ކުޅޭ ޔުއެފާ ޗެމްޕިއަންސް ލީގު ފައިނަލް މެޗަށްފަހު އެވެ.

އަގުއެރޯ ބާސެލޯނާއަށް ބަދަލުވާން ނިންމި އެންމެ ބޮޑު ސަބަބަކީ މެސީ އެވެ. އޭނާގެ ކެރިއަރުގެ ކޮންމެވެސް ހިސާބަކުން ދެ ކުޅުންތެރިން އެއް ކުލަބެއްގައި ކުޅެން އޭނާ ބޭނުންވެއެވެ. ނަމަވެސް ބާސެލޯނާގައި މެސީގެ ކުރިމަގާމެދު ވަނީ ސުވާލުތަކެއް އުފެދިފައެވެ. އެއީ މި ސީޒަން ނިމުމުން މެސީއާއެކު ބާސާ ހަދާފައިވާ އެއްބަސްވުން ހަމަވާތީ އެވެ. އަދި ހިލޭ ޓްރާންސްފާއެއްގެ ދަށުން އެހެން ކުލަބަކަށް ބަދަލުވުުމުގެ ފުރުސަތު އޮތުމުންނެވެ.

ރިޕޯޓުތައް ބުނާގޮތުން މެސީއާއި ބާސާ ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. އެއީ 2023 ގެ ނިޔަލަށް އެ ކުލަބުގައި މަޑުކުރުމަށެވެ. ނަމަވެސް ރަސްމީކޮށް މިކަން އެ ކުލަބުން އަދި ހާމައެއް ނުކުރެއެވެ