ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ލިވަޕޫލް އަށް ކުޅެމުން އަންނަ ސެނެގާލްގެ ވިންގާ ސަޑިއޯ މާނޭ ހިމެނޭ ކަމަށް ސެނެގާލްގެ ކޯޗު އަލިއޫ ސީސޭ ބުނެފިއެވެ.

ސައުތްހެމްޓަން އިން 34 މިލިއަން ޕައުންޑުގެ އަގަކަށް 2016 ވަނަ އަހަރު ލިވަޕޫލްއާ ގުޅުނު މާނޭ އަކީ އެ ކްލަބުގެ ކުރީގައި މިހާރު މުހިއްމު ދައުރެއް އަދާކުރަމުންދާ ކުޅުންތެރިއެކެވެ. މީގެއިތުރުން އޭނާ ވަނީ ގިނަ އަހަރުތަކަކަށްފަހު ސެނެގާލް ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމުގައި ވެސް މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މިރޭ ސެނެގާލް އިން ޕޮލެންޑާއި ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ސީސޭ ބުނީ ސެނެގާލް ޓީމުގައި ތިބި އެހެން ކުޅުންތެރިންނާއި މާނޭއާ އަޅާ ނުކިޔޭނެ ކަމަށާއި މާނޭ އަކީ މިހާރުވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށެވެ. އަދި އޭނާ އަކީ ތަފާތު ގެނެސްދޭނެ ކުޅުންތެރިއެއް ކަމަށްވެސް ސީސޭ ބުންޏެވެ.

"މާނޭ އަކީ މިހާރުވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް. މިއީ ދޮގެކޭ ނުބުނެވޭނެ. މާނޭ ކުޅެމުން އެދަނީ ޔޫރަޕްގައި އޮތް އެންމެ މޮޅު އެއް ކްލަބަށް. އެ ކްލަބުގެ ވެސް މުހިއްމު ކުޅުންތެރިއެއް މާނޭ އަކީ. މާނޭ އަކީ ތަފާތު އަދި ހީނުކުރާ ފަދަ ކަންކަން ކޮށްލާނެ ކުޅުންތެރިއެއް. އެހެންވެ އޭނާ އެހާ މޮޅީ" ސީސޭ ބުންޏެވެ.

މާނޭ އަކީ ތަފާތު ކުޅުންތެރިއެއް ނަމަވެސް ސެނެގާލްގެ ޓީމު މުޅިން ބިނާވެފައި އޮތީ މާނޭގެ މައްޗަށް ނޫން ކަމަށްވެސް ސީސޭ ބުންޏެވެ.

މިރޭގެ މެޗަކީ 2002 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގައި ސެނެގާލް އިން ކުޅޭ ފުރަތަމަ މެޗެވެ. ވޯލްޑް ކަޕްގައި އެންމެފަހުން ސެނެގާލް ވާދަކުރި ފަހަރު އެޓީމު ވަނީ މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކޮށްފައެވެ. އޭރު ސެނެގާލްގެ ޓީމުގެ ކެޕްޓަނަކަށް އޭރު ހުރީ މިހާރު އެޓީމުގެ ކޯޗަކަށް ހުރި ސީސޭއެވެ.

ސެނެގާލް އާއި ޕޮލެންޑް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 8 ޖަހާއިރުއެވެ.