މިދިޔަ ހޮނިހިރު ދުވަހު ޕްރިމިއާ ލީގުގައި ލެސްޓަ ސިޓީ އަތުން މޮޅުވި ދުވަހުގެރޭ ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ މިސްކިތެއް ސާފުކުރުމަށް އެހީތެރިވާ މަންޒަރު ފެންނަ ވީޑިޔޯއެއް އާއްމުވެއްޖެއެވެ.
ލެސްޓަ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު 1-2 އިން ކާމިޔާބުކޮށްފައިވަނީ ލިވަޕޫލް އިން ކަމަށްވާއިރު އެ މެޗުގައި މާނޭ ވަނީ ގޯލެއް ވެސް ކާމިޔާބުކޮށްފައެވެ.
އާއްމުވެފައިވާ ވީޑިޔޯ އިން ފެންނަ ގޮތުގައި މާނޭ ވަނީ އެ މިސްކިތުގެ ފާހާނާތަކާއި ވުޟޫ ކުރާ ސަރަހައްދު ސާފުކުރުމުގައި ބައިވެރިވެފައެވެ. އެ މަސައްކަތުގައި އިތުރު ދެ މީހަކު ވެސް ބައިވެރިވާތަން ވީޑިޔޯ އިން ފެނިގެންދެއެވެ.
Liverpool FC footballer Sadio Mane cleaning the mosque toilets and wudhu area. mA #humbling pic.twitter.com/eNIxZzSLTf
— Khalil Laher 🐝 (@khalillaher) September 1, 2018
ސެނެގާލް އަށް އުފަން މާނޭ ސާފުކޮށްފައިވަނީ ލިވަޕޫލްގައި ހުންނަ "އަލް ރަހްމާ" ނަމަކަށް ކިޔާ މިސްކިތެވެ. މިއީ މާނޭ އާއްމުކޮށް ނަމާދުކުރަންދާ މިސްކިތެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ވީޑިޔޯ ކުރި ފަރާތް ކަމަށްވާ ހަލީލް ލަހާ ބުނީ އެއީ ވަރަށް ވެސް އުފާވެރި ވަގުތުކޮޅެއް ކަމަށެވެ.
މި ވީޑިޔޯ އޭނާ ޓްވިޓާ އަށް ލުމާއެކު ގިނަ ބައެއްގެ ތައުރީފް މާނޭ އަށް އޮހެން ފެށިއެވެ. އެގޮތުން މި ވީޑިޔޯ 9000 މީހުން ރިޓްވީޓް ކޮށްފައިވާއިރު 18،000 މީހުން ވަނީ ލައިކް ކޮށްފައެވެ.
މާނޭ އަކީ މުސްލިމަކަށް ވާއިރު ގޯލު ޖެހުމަށްފަހު ޝުކުރު އަދާކުރުމުގެ ގޮތުން މާނޭ އާއްމުކޮށް ސަޖިދަ ވެސް ޖަހައެވެ.
އުމުރުން 26 އަހަރުގެ މާނޭ އަކީ ލިވަޕޫލްގެ ކުރީގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިއެކެވެ.