ރެއާލް މެޑްރިޑުގައި އިތުރު އެއް އަހަރު މަޑުކުރަން ބޭނުންވި ކަމަށާއި އެކަން އެގޮތަށް ބޭނުންނުވީ ރެއާލް މެޑްރިޑުން ކަމަށް ސާޖިއޯ ރާމޯސް ބުނެފިއެވެ.

ރެއާލުގައި 16 އަހަރު ހޭދަކުރުމަށްފަހު އޭނާ ވަނީ އެ ކުލަބު ދޫކޮށްލާފައެވެ. އޭނާއަށް ހާއްސަކޮށް މިއަދު ވަނި ރެއާލުން ހާއްސަ ވަދަާއީ އިވެންޓެއް ބާއްވާފައެވެ.

ރިޕޯޓުތައް ބުނާގޮތުން ރެއާލް މެޑްރިޑުން އެންމެ ފުރަތަމަ ހުށައެޅީ ދެ އަހަރުދުވަހުގެ އެއްބަސްވުމާއެކު މުސާރައިގެ ބައެއް އުނިކުރުމަށެވެ. ރާމޮސް އެކަމަށް އެއްބަހެއްނުވި އެވެ.

ރާމޮސް ބުނީ ރެއާލް މެޑްރިޑް ދޫކޮށްލުމަކީ އެއްވެސް ހާލެއްގައި ބޭނުންވި ކަމެއްނޫން ކަމަށާއި ބޭނުންވަނީ ކުލަބުގައި މަުކުރަން ކަމަށެވެ. އަދި ކޮންޓްރެކްޓް އާކުރަން ކުލަބުން ހުށައެޅި ކަމަށާއި ނަމަވެސް އޭގައި ދެބަސްވުންތަކެއް ހުރީ ކަމަށެވެ.

" ކުލަބުން އެންމެ ފުރަތަމަ ހުށައެޅީވެސް އެއް އަހަރުގެ އެއްބަސްވުމެއް، ހަމަ މުސާރަ ކުޑަކޮށް، އެކަމަކު ފަހުން އެންގީ އެއީ ވާނެކަމެއް ނޫންކަމަށް، ކުރީގެ އެއްބަސްވުމުގައި މުއްދަތު މިހާރު ހަމަވެފައިވާ ކަމަށް، އެއީ ކުރިން އަހަންނަށް އެނގިފައި ނެތްކަމެއް" ރާމޮސް ބުންޏެވެ.

ރެއާލް ދޫކޮށްލި ނަމަވެސް ފުޓުބޯޅައިން އަދިވެސް ގިނަ ކާމިޔާބީތަކެއް ހޯދަން ބޭނުންވާ ކަމަށާއި އެހެން ކުލަބަކުން ފެނުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް ރާމޮސް ބުންޏެވެ. އަދި މިވަގުތު ދާނެ ކުލަބެއް ނުނިންމާ ކަމަށާއި އެކަމާ ވިސްނާނީ އާއިލާއަށް ވަގުތު ދިނުމަށްފަހު ކަމަށްވެސް ރާމޮސް ބުންޏެވެ.

ރާމޮސް ބުނީ ރެއާލް އާއެކު އެއްބަސްވުން އާކުރަން އެކި ފަހަރުމަތިން އެކި މާއްދާތައް ބަދަލުކުރި ކަމަށާއި އެ އެއްބަސްވުމަށް އެއްބަސްވާން ވަކި މުއްދަތެއް އޮތްކަން ކުރިން ނޭނގޭ ކަމަށެވެ.

ސެވިއްޔާ އިން 2005 ވަނަ އަހަރު ރެއާލް އާއި ގުޅުނު ރާމޯސް ވަނީ އެ ކުލަބަށް 670 އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ. މި މުއްދަތުގައި އޭނާ ވަނީ އެ ކުލަބަށް ފަސް ލަލީގާ، ހަތަރު ޗެމްޕިއަންސް ލީގު ހޯދައިދީފައެވެ.

މި ނިމުނު ސީޒަނުގައި ރާމޮސް ފެނުނީ ރެއާލް ކުޅުނު އެންމެ 21 މެޗުންނެވެ. ތާވަލުގެ ދެވަނައިގައި ރެއާލް ސީޒަން ނިންމާލިއިރު ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް އެ ކުލަބު ވަނީ ވާސިލްވެފައެވެ. މި ނިމުނު ސީޒަނުގެ ބޮޑުބައި ރާމޯސް ހޭދަކުރަން ޖެހުނީ އަނިޔާއާއި ގުޅިގެން ދަނޑުން ބޭރުގައި އިތުރު ފަރުވާ ހޯދުމަށެވެ.

މިހާރު ކުރިޔަށްދާ ޔޫރޯގެ ސްކޮޑުގައި ވެސް ރާމޯސް ނުހިމެނެއެވެ. އެއާއެކު ގިނަ ބައެއްގެ ފާޑުކިޔުން އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ.