ހިލޭ ޓްރާންސްފަރ އެއްގެ ދަށުން ފްރާންސްގެ ލިޔޯން ދޫކޮށް ނެދަލޭންޑްސްގެ އުއްމީދީ ފޯވާޑް މެމްފިސް ޑިޕާއި ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވެއްޖެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އުމުރުން 27 އަހަރުގެ ފޯވާޑް ބާސާއާއެކު 2023 ގެ ނިޔަލަށް މަޑުކުރާނެއެވެ. މިހާރު ޔޫރޯގައި ކުޅެމުން އަންނަ ޑިޕާއި މުބާރާތް ނިންމުމަށްފަހު ދާނީ ބާސާއާ ރަސްމީކޮށް ސޮއިކުރުމަށެވެ.

ބާސާގެ މިހާރުގެ ކޯޗަކީ ކުރިން ނެދަލޭންޑްސް ގައުމީ ކޯޗު ރޮނަލްޑް ކޫމަންއެވެ. އޭނާ ބާސާގެ ކޯޗުކަމާއި ހަވާލުވުމަށްފަހު މެނޭޖްމަންޓުން ހޯދަން ހުށައެޅި ކުޅުންތެރިންގެ ލިސްޓުގައި ޑިޕާއި ހިމެނެއެވެ.

ޑިޕާއި ވަނީ މީގެކުރިން އިނގިރޭސި ކުލަބް މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެފައެވެ. އޭނާ ޔުނައިޓެޑް ދޫކޮށްލުމަށްފަހު ދެން ލިޔޯން އާއި ގުޅުނީ 2017 ވަނަ އަހަރުގައެވެ. ލިޔޯންގައި ހޭދަކުރި މުއްދަތުގައި އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 178 މެޗުައި 76 ލަނޑު ޖަހައިދީފައެވެ. އަދި އެ ކުލަބުގައި މޮޅު ކުޅުމެއް ދައްކާފައިވެއެވެ.

އަންނަ ސީޒަނަށް ބާސެލޯނާ ވަރުގަދަކުރުމުގެ ގޮތުން މެންޗެސްޓަރ ސިޓީ އަދި އާޖެންޓިނާގެ ތަރި ސާޖިއޯ އަގުއެރޯ ވަނީ ބާސެލޯނާއާއި ގުޅިފައެވެ. އަދިވެސް އިތުރު ކުޅުންތެރިންތަކެއް ބާސާއާއި ގުޅޭނެކަމަށް އެ ކުލަބުން މައުލޫމާތުދެއެވެ. އަދި ކެޕްޓަން ލިއޮނަލް މެސީވެސް އެއްބަސްވުން އާކުރާނެކަމުގެ ބޮޑު ޔަގީންކަމެއް އޮތްކަމަށް އެ ކުލަބުގެ ވެރިޔާ ވަނީ ދާދިފަހުން މީޑިއާތަކުގައި ވާހަކަދައްކާފައެވެ.