އާންމުކޮށް މުބާރާތެއް ފަށައިގެން ކުރީކޮޅު ވަރުގަދަކޮށް ކުޅޭ ޓީމުތަކަށް އެ މުބާރާތެއް ކާމިޔާބުކުރެވެނީ މަދު ފަހަރެއްގައި ކަމަށް ޖަރުމަނު ގައުމީ ޓީމުގެ ކޯޗު ޔޯހައިމް ލޯ ބުނެފިއެވެ.

ކޯޗު މިހެން ބުނެފައިވާއިރު، ޖަރުމަނު ވަނީ މިފަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަތުން 1-0 އިން ބަލިވެފައެވެ. އަދި ދެވަނަ މެޗުގައި ޖަރުމަނުން އެންމެފަހުގެ ޔޫރޯ ޗެމްޕިއަން ޕޯޗުގަލް ބަލިކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

ލޯ ގަބޫލުކުރާ ގޮތުގައި ޖަރުމަނުގެ ފަަރާތުން ކުރިއެރުންތަކެއް ފެނިފައިވާ ކަމަށާއި މިހާރު ޓީމު އޮތް ހާލަތާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ކުރިޔަށްހުރި މެޗުތަކުގައި ޓީމުގެ ފަރާތުން ކުރިއެރުންތަކެއް ފެންނާނެކަމަށް ކޯޗު ބުންޏެވެ.

"މޮޅެއް ލިބިއްޖެއްޔާ އެއީ އަހަރެމެންނަށް ލިބޭނެ ބޮޑު ހިތްވަރެއް، އެއް އިރެއްގަވެސް އަހަރެމެންނަކީ ދަށް ބައެއްގެ ގޮތުގައި ނުވިސްނަން،" ކޯޗު ލޯ ބުންޏެވެ.

މުބާރާތުގައި އިތުރަށް ކުރިޔަށް ދިއުމަށް ހަންގޭރީ އާއި ދެކޮޅަށް ކުޅޭ ގްރޫޕުގެ ފަހު މެޗުން ރަނގަޅު ނަތީޖާއެއް ނެރުން މުހިއްމެވެ. އަންނަ ބުރާސްފަތި ދުވަހުގެ ރޭ ހަންގޭރީ އާއި ދެކޮޅަށް ގްރޫޕުގެ ފަހު މެޗު ކުޅޭއިރު އެ މެޗަކީ ފަސޭހަވާނެ މެޗެއް ނޫންކަމަށް ކޯޗު ބުންޏެވެ.

"ހަންގޭރީ އުނދަގޫވާނެ، އާންމުކޮށް އެމީހުންގެ ޑިފެންސްލައިނުގައި އަބަދުވެސް އެބަ ތިބޭ 8 ނުވަތަ 9 މީހުން ވަރު، އަހަރެމެން ކުރިޔަށްދާނީ ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިޔަށް" ހަންގޭރީ އާއި ގުޅޭގޮތުން ކޯޗު ބުންޏެވެ.

ކޯޗު ބުނީ މި މުބާރާތުގައި މިހާތަނަށްވެސް ވަރުގަދަ ޓީމުތަކެއް ފެނިފައިވާ ކަމަށާއި އާންމުކޮށް ހުރިހާ ކަމެއް ބަރާބަރަށް ފަށާ ޓީމުތަކަށް މުބާރާތް ކާމިޔާބު ކުރެވެނީ މަދު ހާލަތެއްގައި ކަމަށެވެ.

"ފުރަތަމަ މެޗުގައި ޕޯޗުގަލް އާއި ދެކޮޅަށް ކުޅުނު މެޗުގައި އަހަރެމެން ކުޅުނީ ވަރުގަދަ ޓީމަކާއި ދެކޮޅަށް، އެމީހުން (ޕޯޗުގަލް) ކައުންޓަރ އެޓޭކުތަކުގައި ވަރަށް ވަރުގަދަ،" ލޯ ބުންޏެވެ.

ހަންގޭރީއާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ޖަރުމަނަށް ދެވަނަބުރުގެ ޖާގައެއް ކަށަވަރުވާނެ އެވެ. އެއްވަރުކޮށްލައިގެން ވެސް ޖަރުމަނަށް ދެވެން އެބައޮތެވެ. އެއީ ފްރާންސް އާއި ޕޯޗުގަލް އަތުން ފްރާންސް ބަލިނުވެއްޖެ ނަމައެވެ. އެހެން ނުވެއްޖެ ހާލަތެއްގަިއ ހަންގޭރީ އަތުން ޕޮއިންޓެއް ލިބިއްޖެ ނަމަ ގްރޫޕުގެ ތިންވަނަ ލިބޭނެއެވެ.