ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގެ ނަތީޖާތަކާއެކު ދެވަނަބުރަށް ދަތުރުކުރި އިތުރު ފަސް ގައުމެއް ކަށަވަރުވެއްޖެ އެވެ.

ނަތީޖާތަކާއެކު ދެވަނަބުރުގެ ޖާގަތައް ކަށަވަރުކުރި ގައުމުތަކަކީ އިންގްލޭންޑާއި ފްރާންސްގެ އިތުރުން ސްވިޑަން އާއި ޗެކް ރިޕަބްލިކް އަދި ސްވިޒަލޭންޑެވެ.

މި ފަސް ގައުމު ދެވަނަބުރަށް ދިޔައީ ހަތަރު ޕޮއިންޓް ލިބިގެންނެވެ. މިހާަތަނަށް ނިމުނު ގްރޫޕުތަކަށް ބަލާއިރު ސްވިޒަލޭންޑް ފިޔަވާ ތިންވަނައިގައި ހިމެނޭ ޓީމުތަކަށް މިއަދަދަށް ޕޮއިންޓް ނުލިބެއެވެ.

ކުރިޔަށްހުރި މެޗުތަކުގައި ދެވަނަ މަގާމަށް ނުދިޔަ ނަމަވެސް ހަތަރު ޕޮއިންޓް ހޯދާފައިވާ ޓީމުތައް ތިންވަނަ މަގާމުގައި ހިމެނިގެން ވެސް ދެވަނަބުރަށް ދާނެއެވެ. އެއީ ކޮންމެ ގްރޫޕަކުން ވެސް ތިންވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ.

މިހާތަނަށް ނިމުނު ގްރޫޕުތަކުގެ ތެރެއިން ތިންވަނަ ޓީމުގެ ގޮތުގައި ދަތުރުކުރީ ސްވިޒަލޭންޑެވެ. ދެން ހުރި އެހެން ޓީމުތަށް ނިންމާލީ މިއަށްވުރެ ޕޮއިންޓް ދަށުންނެވެ. މުބާރާތުގެ ގަވާއިދު ބުނާގޮތުުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ދެވަނަބުރަށް ދާން އެންމެ ދަށްވެގެން ހަތަރު ޕޮއިންޓް ހޯދަން ޖެހެއެވެ.

ގްރޫޕުތަކުގެ އެންމެ މަތީ ޕޮއިންޓް ހޯދައިގެން ގްރޫޕް އޭ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަބުރަށް ދިޔައީ އިޓަލީ އެވެ. ދެވަނަ އަށް ދިޔައީ ވޭލްސް އެވެ. ގްރޫޕް ބީގެ އެއްވަނަ ލިބެނީ ބެލްޖިއަމް އަަށެވެ. ދެވަނަ ލިބެނީ ޑެންމާކް އަށެވެ. ގްރޫޕް ސީގެ އެއްވަނަ ނެދަލޭންޑްސް އަށް ލިބޭއިރު ދެވަނަ ލިބެނީ އޮސްޓްރިއާ އަށެވެ.

މި ފަސް ޓީމުގެ އިތުރުން ގްރޫޕްގެ އެއްވަނަ އަދި ދެވަނަ ހޯދައިގެން ދެވަނަ ބުރުން ޖާގަ ކަށަވަރުކޮށްފައިވާ ޓީމުތަކަކީ އިޓަލީ އާއި ބެލްޖިއަމް އާއި އޮސްޓްރިއާ އާއި ވޭލްސްގެ އިތުރުން ނެދަލޭންޑްސް އާއި ޑެންމާކްއެވެ.

މުބާރާތުގައި މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވަނީ ގްރޫޕް ޑީ އަދި އީގެ މެޗުތަކެވެ. މި މެޗުތަކާއެކު ގްރޫޕްސްޓޭޖުގެ މެޗުތައް ނިމޭނެއެވެ.