ބާސެލޯނާއަށް ކުރިމަތިވެފައިވާ މާލީ ހާލަތާއެކު ވެސް ޕޯޗުގަލްގެ ހުނަރުވެރި މިޑްފީލްޑަރ ރެނާޓޯ ސަންޗޭޒް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރެނާޓޯ ސަންޗޭޒް ވަނީ މިިފަހަރުގެ ޔޫރޯގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އަދި ޕޯޗުގަލް މޮޅުވި މެޗުތަކުގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ. އަދި ގޯލުތަކެއްވެސް އޭނާ ޖަހާފަައިވެއެވެ.

ފްރާންސްގެ ލިލް އަށް ކުޅެމުން އަންނަ އުމުރުން 23 އަހަރުގެ ކުޅުންތެރިޔާ ހޯދުމަށް ބާސެލޯނާއިން މަސައްކަތް ފަށާފައިވާއިރު އިނގިރޭސި ބޮޑު ދެ ކުލަބު ކަމަށްވާ އާސެނަލް އާއި ލިވަޕޫލުން ވެސް މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސްޕެއިންގެ "އެލް މުންޑޯ" އިން ބުނެފައިވާ ގޮތުން ރެނާޓޯ ހޯދުމުގެ މަސައްކަތް ބާސާއިން ރަސްމީކޮށް ފަށާނީ އެތްލެޓިކޯ މެޑްރިޑުގެ ސައުލް ނިގޭޒް ނުލިބިއްޖެ ނަމަ އެވެ. ނަމަވެސް މިހާރުވެސް ބާސެލޯނާއިން ވަނީ ވާހަކަތައް ދައްކަން ފަށާފައެވެ. ބާސާއިން ސައުލް ގެންނަން މަސައްކަތްކުރަނީ ގްރިޒްމަން އެ ކުލަބަށް ބަދަލުކުރުމަށްފަހު އެވެ.

ސައުލް ނުލިބިއްޖެ ނަމަ ރެނާޓޯ ގެންނާނީ ލޯނު އެއްބަސްވުމެއްގެ ދަށުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއީ ދެ އަހަރުދުވަހަށް 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބާސެލޯނާ އިން މަސައްކަތް ކުރަމުން އަންނަނީ އެ ޓީމަށް ކުޅޭ އެންޓޮއިން ގްރީޒްމަން އާއި ސައުލް ބަދަލުކުރާށެވެ. އެކަމަކު އެތުލެޓިކޯ އިން ސައުލްގެ ޑީލްގެ ތެރެއިން ކޮންމެ ވެސް ވަރެއްގެ ފީ އަކަށް ޑިމާންޑްކުރާތީ އެ ޓްރާންސްފާގެ ވާހަކަތައް އޮތީ ހުއްޓިފަ އެވެ. ލިލް އިން ޓްރާންސްފަރ ފީއެއް ނަގާނަމަ ރެނާޓޯ ގެނައުމުގެ މަސައްކަތް ބާސެލޯނާއަށް ނުކުރެވޭނެ އެވެ.

ޕޯޗުގަލްގެ ބެންފިކާ އިން ވިދާލި ރެނާޓޯ ސަންޗޭޒް ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ޕޯޗުގަލްގެ ޓީމުގައި ހިމެނިފައެވެ. އޭގެފަހުން ބަޔާން މިއުނިކަށް ބަދަލުވި ނަމަވެސް އަނިޔާގެ މައްސަލަތަކާއި ގުޅިގެން އޭނާގެ އެންމެ މޮޅު ފޯމުގައި ނުކުޅެވެއެވެ. ތިން އަހަރު ބަޔާންގައި މަޑުކުރުމަށްފަހު ދެން އޭނާ ބަދަލުވީ ލޯނުގެ ދަށުން ސްވަންސީ ސިޓީއަށެވެ.

އޭގެފަހުން އޭނާ ފްރާންސްގެ ލިލް އަށް ބަދަލުވީ އެ ކުލަބުގެ ރެކޯޑު އަގެއް ކަމަށްވާ 30 މިލިއަން ޑޮލަރަށެވެ.