ތައިލޭންޑުގެ އުތުރުގެ ސަރަޙައްދެއްގެ މީހުން ދިރިނޫޅޭ ހިސާބަކަށް ދަތުރުދިޔަ ފުޓުބޯޅާ ޓީމެއްގެ 12 މެމްބަރަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ނޫސްތައް ބުނާގޮތުގައި، ގެއްލިގެން ހޯދަމުންދަނީ އުމުރުން 11 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނާއި އެކުދިންގެ އުމުރުން 25 އަހަރުގެ ކޯޗް އެވެ. މިއަދު އެކުދިން ގެއްލިފައިވަނީ އެޤައުމުގެ ޗިއަން ރައި ޕްރޮވިންސުގެ ފަރުބަދަމަތީ ސަރަޙައްދެއްގައި ހުންނަ ބޮޑު ހޮހޮޅައަކަށް ވަދެ އުޅުމުގެ ތެރޭގައެވެ.

"ތަމް ލުއަންގް ނަން ނޮން" ނަމަކަށްކިޔާ އެ ހޮހޮޅައަކީ، ތައިލޭންޑަށްދާ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ތަނެކެވެ. އާދަޔާއި ޚިލާފަށް ބޮޑު އެ ހޮހޮޅައިގެ އެތެއަށްވަދެ، ބިމުގެ އެތައް ކިލޯ މީޓަރު އަޑިއަށް ދެވެން ހުރެއެވެ. ގެއްލުނު ކުދިން ތިބީ ހޮހޮޅައިގެ އަޑީގައި ކަމަށް ވަނީ ބެލެވިފައެވެ.

މިއީ ތައިލެންޑަށް ވިއްސާރަ މޫސުން ފެށޭ ހިސާބު ކަމުގައިވާއިރު، އެކުދިން ހޮހޮޅައިގެ ތެރެއަށް ގެއްލިފައިވަނީ ބޯ ވާރޭގެ ސަބަބުން އެތަނުގެ ބައެއް ގިރައިގެންގޮސް ނިކުމެވެން ހުރި ހަމަ އެކަނި ދޮރު ބަންދުވުމުންނެވެ. ވިއްސާރަ ދުވަސްވަރުގެ މި ހޮހޮޅައިގެ އަޑީގައި 16 ފޫޓަށް ފެންބޮޑުވާ ކަމަށް ވެސް ވެއެވެ. އެހެންކަމުން މި ހާދިސާގައި އެއިން ކުއްޖަކަށް ގެއްލުމެއް ލިބިދާނެ ކަމަށްޓަކައި ތައިލޭންޑުގެ ސަލާމަތީ ޚިދުމަތްދޭ ފަރާތްތަކުން ދަނީ ކުދިން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންނެވެ.

މި ސަރަޙައްދުގައި ތައިލޭންޑު ނޭވީގެ ސިފައިންނާއި ޑައިވަރުންވެސް ޙަރަކާތެރިވަމުންދާއިރު، ކުދިންގެ ބައިސްކަލްތަކާއި އެކުދިން ބޭނުންކުރި ކުޅިވަރު ބައެއް ސާމާން ހޮހޮޅައިގެ ކައިރިން ފެނިފައިވާ ކަމަށް ވެއެވެ. ނަމަވެސް ގެއްލުނު ކުދިންނާއި ފިރިހެން މީހާގެ އެއްވެސް ހިލަމެއް އަދި ވެފައެއް ނުވެއެވެ.