ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވުމުގެ އެއްވެސް ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށާއި އެފަދަ ނިންމުމެއް ނިންމަން ގާތްނުވާ ކަމަށް ފްރާންސްގެ ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ ބުނެފިއެވެ.

އެމްބާޕޭ މިހެން ބުނެފައިވަނީ ކުރިޔަށްއޮތް ސީޒަނަށް އޭނާ ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭކަމަށް ބުނެ މީޑިއާގައި ދެކެވޭ ވާހަކަތާއި ގުޅިގެން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

"އަހަރެން އެއްވެސް ކުލަބަކަށް ބަދަލުވުމުގެ ވިސްނުމެއް ނެތް، ރެއާލް މެޑްރިޑު ވިޔަސް އެހެން ކުލަބަކަށް ވިޔަސް، އަހަރެން މި ކުލަބުގައި (ޕީއެސްޖީ) ގައި މިހުރީ އުފަލުން، އެންމެން ވެސް އަހަންނަށް ވަރަށް ރަނގަޅު، ކުރިއަރުވަން އެންމެންވެސް މަސައްކަތްކޮށްދޭ" ސުވާލަށް ޖަވާބުދެމުން އެމްބާޕޭ ބުންނެވެ.

އެމްބާޕޭ ބުނީ ކުލަބު ބަދަލުކުރުމުގެ ވިސްނުން ވިސްނަން ފަށާނީ ޕީއެސްޖީއަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމަށް ފަހު ކަމަށާއި ހުރިހާވެސް އުއްމީދަކީ އެ ތަށި ކާމިޔާބުކުރުން ކަމަށެވެ. އަދި އެހެން އިތުރު ވިސްނުމެއް މިހާރު ނެތްކަމަށްވެސް އެމްބާޕޭ ބުންޏެވެ.

ރެއާލް މެޑްރިޑުގެ އިތުރުން އެމްބާޕޭއަށް ފާރަލާ ޓީމުތަކުގެ ތެރޭގައި ލިވަޕޫލާއި އާސެނަލް އަދި މެންޗެސްޓަރ ސިޓީ ހިމެނޭކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މިއިން އެއްވެސް ކުލަބަކުން އަދި ބިޑުކުރަން މަސައްކަތެއް ނުކުރެއެވެ. އެއީ އެމްބާޕޭ ހޯދާނަމަ ކުރަންޖެހޭ ހޭދަ ބޮޑުވުމުން ކަމަށް ބެލެވެއެވެ.

ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުން އަންނަ ސީޒަނަށްފަހު ހަމަވާނެ އެވެ. އެއަށްފަހު އޭނާ ވެގެންދާނީ ފްރީ އޭޖެންޓަކަށެވެ. ނުވަތަ ބޭނުން ކުލަބަކަށް ހިލޭ ބަދަލުވުމުގެ ފުރުސަތު އޭނާއަށް ލިބޭނެއެވެ. ނަމަވެސް ބެލެވޭގޮތުގައި ވަރަށް އަވަހަށް އެމްބާޕޭގެ އެއްބަސްވުން އާކުރާނެ އެވެ.

އާ ސީޒަނަށް ޕީއެސްޖީ ވަނީ ބޮޑުތަން ވަރުގަދަކޮށްފައެވެ. ގޯލްކީޕަރަކަށް ޔޫރޯގެ އެއްވަނަ ކީޕަރު އިޓަލީގެ ޑޮނަރުއްމާ ގެނައި އިރު ޑިފެންސްލައިނުގައި ރެއާލްގެ ކުރީގެ ތަރި ސާޖިއޯ ރާމޯސް ވަނީ ގެނެސްފައެވެ. އަދި ނެދަލޭންޑްސްގެ މިޑްފިލްޑަރ ޖޯޖީނިއޯ ވައިނަލްޑަމްވެސް ވަނީ ޕީއެސްޖީއަށް ގެނެސްފައެވެ.